Saturday, 15 June 2024

ދެން ބަސް އިއްވާނީ މަޖިލިސް އިންތިޚާބުން: ރައީސް ޞާލިޙް

އޮޅުވާލުމާއި، މަކަރުވެރިކަމާއި އެކު ވެރިކަމަށް އައުމުން ދެން ރައްޔިތުން ދެވަނަ ފަހަރަށް ބަސް އިއްވާނީ މަޖިލިސް އިންތިހާބުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ އިންތިހާބު، ހަތް ހާސް ވޯޓުން ކާމިޔާބު ކުރެއްވި އާޒިމަށް މަރުހަބާ ކިިއުމުގެ ގޮތުން އެމްޑީޕީއިން ބޭއްވި ޙަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބަށް ފަހު އަނެއްކާވެސް އަލުން މަސައްކަތް ފަށައި، އެމްޑީޕީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން މޭޔަރަކަށް ހުންނަވާ ބޭފުޅަކަށް ގިނަ ޒިންމާތަކެއް މަތިކުރާއިރު، އެ ހުރިހާކަމެއް އެމްޑީޕީން ފުރިހަމަކޮށްދޭނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި މޭޔަރަކަށް އިންތިޚާބުވި އާޒިމް ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށް ނުލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާއި އެމްޑީޕީ ވެސް ރައްޔިތުން މާޔޫސްވުމަށް ފުރުސަތެއް ނުދޭނެކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ އިތުބާރުކަމަށާއި، އެ ދަމަހައްޓާނެ ކަމަށާއި، މާލޭގެ މޭޔަރަކަށް އާޒިމް ވަޑައިގަތީ ރަނގަޅު ޕްލޭނަކާއި ތަސައްވުރެއް ވެސް އޮވެގެން ކަމަށާއި، އަދި އާޒިމަކީ މާލޭގެ ރައްޔިތުން ބޭނުންވާ ހިތްފަސޭހަކަން ގެނެސް ދީ، ހައްލެއް ހޯދައްވާނެ ބޭފުޅެއްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރު އިންތިހާބުވިތާ، ގިނަ ދުވަހެއް ނުވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށާއި، އޭގެ ސަބަބަކީ އޮޅުވާލުމާއި މަކަރުތަކުގެ ތެރެއިން ވެރިކަމަށް އައުންކަމަށް ފާހަގަކުރައްވަމުން، ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުން ބޯހިޔާވަހިިކަމުގެ މައްސަލަތައް ހައްލުވާން ބޭނުންވާކަމަށާއި، ވޯޓުން ރައްޔިތުން ދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށެވެ. ނަފްރަތާއި، ރުޅިވެރިކަން ފަތުރައި ހެދި ދޮގުތައް ހާމަވަމުންދާކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހަތްދިހައަށް ވުރެ ބޮޑު އިންސައްތައެއް ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުން ބަސް އިއްވީ، ދޮޅު މަސް ވެސް ނުވާ ސަރުކާރެއްގެ މައްޗަށްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ތަކުރާރުކޮށް ރައީސް ސޯލިހު ވިދާޅުވީ އެއީ އޮޅުވާލުމާއި ދޮގު ހެދުމުގެ ނަތީޖާ ކަމަށެވެ.

ކުރިޔަށް އޮތީ މުޅި ރާއްޖެ އެއްކޮށް ސަރުކާރަށް ނޫނެކޭ ބުނާ ދުވަސްކަމަށާއި، އެއަށްފަހު އެމަނިކުފާނު ގޮވާލެއްވީ، ވެރިކަން ނިމުމުގެ ކުރިން ދޫކުރި ގޯއްޗާއި ފްލެޓުތައް އެއާއި އެއްގޮތަށް ދިނުމަށެވެ. އަދި ފުށިދިއްގަރު ފަޅަށް މާލޭގެ ރައްޔިތުން ގެންދިއުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ގޮވާލެއްވި އެވެ.

މަޖިލިސް އިންތިހާބުގައި ވެސް ގޯތި ލިބޭނީ، އެގޮތަށް އަމަލުކޮށްގެން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުން އެހެން ނޫނީ ނިކުންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު، ރައީސް ޞާލިހު ޕޯޑިއަމެއްގައި ސިޔާސީ ވާހަކަތައް ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މިރޭގެ ޖަލްސާގައި ރައީސް ޞާލިހު، ސަރުކާރަށް ފާޑުވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު ބަލިކޮށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކާއި އެކުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު