މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިވީ އިންތިހާބު ކާމިޔާބުކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
މާލޭ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އޭނާއާ ދެން އެންމެ ގާތުން ވޯޓު ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝުކޫރަށެވެ.
އިންތިޚާބާ ގުޅޭ ގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެ ނަތީޖާއާ ކުރިމަތިލާން ޖެހުނީ ސަރުކާރާ ހަވާލުވެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން ކަމަށާއި، އިންތިހާބުގެ ނަތީޖާއިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތްތަނުގައި އިންތިޚާބުތައް ކާމިޔާބުކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދައަށް ކުރާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި އާންމު މެމްބަރުންނާ އެކު މަސައްކަތް ކުރަންޖެހޭ ގޮތަށް ވެސް މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާކަމަށާއި، އެހެންކަމުން އެކަމަށް މައާފަށް އެދިވަޑައިގަންނަވައި އޭނާ ވިދާޅުވި ގޮތުގައި މޭޔަރުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި އަނެއް ސަބަބަކީ ވެސް އާންމު މެމްބަރުންނާ އެކު ބާއްވަންޖެހޭ ގުޅުން އެގޮތަށް ނުބޭއްވުމެވެ.
އެ ނަތީޖާއާ ކުރިމަވީ ސަރުކާރުގެ ސިޔާސަތުތަކަށް ނުވަތަ ރައީސްއާ މެދު ނުރުހުމެއް އޮވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރު އިންތިހާބު، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އޭނާއަށް ގުޅުއްވައި މަރުހަބާ ދަންނަވައިފައެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލާއި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.