އެމްޑީޕީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ހަވާލުނުކުރާނަމަ، ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް މާލޭ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ. އިންތިހާބުގައި ވޯޓު ލި މީހުންގެ %44 ވޯޓު ހޯއްދެވި އާޒިމް މިހެން ވިދާޅުވީ، މާލޭ މޭޔަރު އިންތިހާބު ކާމިޔާބުކުރުމުގެ އުފާ ފާޅުކުުރަން ސަލްޓަން ޕާކްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި، މާލެއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ވިސްނުމަކީ އިއްޒަތްތެރި، ގަދަރުވެރި ރައްޔިތެއް ހޯދައިދިނުން، ކަން ފާހަގަކުރައްވަމުން، ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ލިބުނު މީހުންނަށް ގޯތިތައް ހަވާލުކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގެދޮރެއް، ބިމެއް ބޭނުންވެފައި އޮތް ރައްޔިތެއް ވެއްޖެއްޔާ އެ ރައްޔިތަކަށް ވަނީ ރައީސް އިބްރާހިމް މުހައްްމަދު ޞާލިހު ގެދޮރުގެ ކަންތައް ހަމަޖައްސައިދެއްވާފައި. އަޅުގަނޑުމެން މި އަންނަނީ ބްރިޖުން ގުޅާލެވިފައިވާ އަވަށްތަކަށް؛ ގުޅިފަޅު، ގިރާވަރުފަޅު، އުތުރު ތިލަފަޅު. މި ތިން ތަނަށް ބްރިޖުން ގުޅާލައިގެން ދެވޭ ތަންތަނަށް މާލޭގެ ރައްޔިތުން ގެންދަން،" އާޒިމް ވިދާޅުވިއެވެ.
އޭނާގެ މޭޔަރު ކަމުގައި އެމްޑީޕީގެ ހުރިހާ މެންބަރުންގެ އެހީތެރިކަމާ އެކު ރައްޔިތުން ގެންދާނީ މާލޭ ރައްޔިތުން، ދަފްތަރު ރައްޔިތުން ކުދި ފްލެޓުތައް ދޫކޮށްލީމާ އެމީހުންނަށް ގޯތިތައް ލިބޭ ރައްޔިތުން ގެންދާނީ ބްރިޖުން ގުޅިފައިވާ ތަންތަނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލެޓު ލިބިފައި ތިބި ރައްޔިތުންނަށް އެކަންތައް ވެސް ހަމަޖައްސައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިއަންނަ މަޖިލިސް އިންތިހާބަކީ މުހިއްމު އިންތިހާބެއް. ތިބޭފުޅުން ބޭނުންވާ ގެދޮރު ހޯދުމަށް އެ އިންތިހާބު މުހިއްމު. ވަރަށް މުހިއްމު،" އާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުން އުޅެނީ އެމްޑީޕީގެ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ހަވާލު ނުކުރަން ކަމަށާއި، އެކަން ހުއްޓުވަން އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑި ކާމިޔާބުކުރުން މުހިއްމު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އުފާ ފާޅުކުރުމުގެ ހަފްލާއަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެންމެ އިސްކަން ދެއްވާނީ ގޯތީގެ މައްސަލަ ހައްލުކުރައްވަން ކަމަށެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެހެންވެ އެ މައްސަލާގައި ވެސް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.