7 ފެބުރުވަރީ 2025

"ކަނޑުއަޑިން" ދިން ގޯތި؛ ކެހިވެރި ސިޔާސީ މަޅިއެއް!

މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލެ ރައްޔިތުންނަށް ޝުކުރު އަދާ ކުރުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެ ދިނީ މެސެޖެއް ކަމަށެވެ.

އަދި އެމްޑީޕީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ވީ އެންމެ އަވަހަށް ދިނުމަށް ރައީސް މުއިއްޒަށް، ރައީސް ޞާލިޙް ގޮވައިލެއްވިއެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" ޞާލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ރޭ މިހެން ވިދާޅުވި އިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ފްލެޓާއި ގޯތި ދޭނެ ކަމުގެ ވައުދުވިއެވެ. ވުޖޫދުގައި ނެތް ބިމަކުން ގޯތި ދޭނީ ކިހިނެތްހޭ ކިޔައި ގިނަ ބަޔަކު ސުވާލު އުފައްދަމުން އޭރުވެސް ދިޔައެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބަށް ދެ މަހަށް ވެފައި ވަނިކޮށް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މާލެ ރައްޔިތުން ބިންވެރި ކުރަން "ބިންވެރިޔާ" ގެ ނަމުގައި މަޝްރޫއެއް ފަށައި 6000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމިއެވެ.

ދެން ފެށީ ގޯތި ދޫކުރާށެވެ. ނެރުނީ ބޮޑު ލިސްޓެކެވެ. މިކަމާހެދި، ރައްޔިތުންގެ ޝަކުވާ އާއި ސުވާލު ފުނިޖެހުނެވެ. އޭގައި ހިމެނޭ ޝަރުތު ހަމަވާ 9000 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ރައީސް ނިންމާފައިވާ ކަމަށް ކުރީގެ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ގޯތި ލިބޭ ލިސްޓެއް ނެރުން ފިޔަވައި އެހެން މާ ގިނަ ވާހަކަތަކެއް ސަރުކާރުން ތިލަ ނުކުރާތީ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައެވެ. ގިނަ ގޯތިތަކެއް ކަނޑައަޅާ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ނުވާއިރު މިއީ އަނެއްކާވެސް ދައްކާ ކުލަ ހުވަފެނެއް ކަމުގައި ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

ކަން މިހެން އޮއްވައި، ގުޅިފަޅުގައި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙް ކުރިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާތާ އޭރު ވަނީ ދުވަސްކޮޅެއް ވެފައެވެ. އެތަން ތަން ހިއްކައި، މީހުންނަށް ގޯތީގެ އިިން ވަކިކޮށް، އޮގަސްޓު މަހުގެ ތެރޭގައި ގޯތި ދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ސެޕްޓެމްބަރު 9 އަށް ނުވަތަ ވޯޓާ ހަމައަށް އޭރު ބާކީ އޮތީ އެންމެ 67 ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ކުރެވިދާނެތޯ ސުވާލު އުފެދުނެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން ގޯތި ހިއްކާފައި ދިނުން ނާދިރު ކަމަށް ތަޖުރިބާކާރުން ބުނަމުން ގެންދިޔައެވެ. އެހެނީ، ބިން ހިއްކުމަށް ފަހު ފަސްގަނޑު ހިކި ވަރުގަދަވާށާއި އެއްގަމާއި ކަނޑުތޮށި ލުމަކީ ވެސް ގިނަ މަސައްކަތްތަކެއް އެކުލެވޭ ވަގުތު ނަގާނެ ކަންކަމަށް ވުމެވެ. އޭގެ އިތުރުން ގޯތިތައް ދޭއިރު މަގު ހެދުމަކީ ވެސް ކުރަން ޖެހޭ ކަމެއްކަމުގައިވުމެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލެއިން 2200 ގޯތި ދޫކުރުމެވެ. އަދި ގުޅިފަޅުން 2000 ގޯއްޗާއި ގިރާވަރު ފަޅުން ވެސް 2000 ގޯތި ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަކިވަކި ގޯތިތައް ކަނޑައަޅާފައި ހުރި ތަންތަނާއި ދޭން ނިންމާ ގޮތުގެ މާ ބޮޑު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. އެކަން އޮތީ ވާނުވާގައެވެ.

ބިން ހިއްކަމުން ދިޔައެވެ. ބިން ހިއްކައެއް ނުނިމެއެވެ. ރައީސް ޞާލިޙް ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު، ގޯތި ލިސްޓް ވަނީ އިޢުލާންކޮށްފައެވެ. ހުޅުމާލޭގެ ބިމުގައި ކަޑަޖަހަމުން ދިޔައެވެ. އެކަމަށް އޮހެމުންދިޔައީ އެތައް ޝަކުވާއެކެވެ. އެހެންނަމަވެސް ޝަކުވާގެ އަޑެއް ނާއްސަވައެވެ. ދޭނެ ބަޔަކަށް ދީ ނިންމާލީއެވެ.

ދެން އަންނަން އޮތް ސަރުކާރަށް ޖެއްސީ ބޮޑު ބުރައެކެވެ. ބިންތައް ބަހާލީ އެއްވެސް ހަމައެއް ލަމައެއް ނުބަލައި، ވަކި ސުމާރެއް ނެތިއެވެ. ބިމެއް ނެތެވެ. ގޯތި ދޭން ހުރި ތަންތަން އޮތީ ކަނޑުއަޑީގައެވެ. ފަޅުފަރާއި ގިރިގިރިއާއި ހާހަލުގައެވެ. ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ބިމެއް ނުދެއްކުނެވެ. ދެން ބޮޑު ބައްޔަކުން އިންތިޚާބު ނާކާމިޔާބުވެ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަން އެމްޑީޕީ ކެންޑިޑޭޓަށް ލިބުމުން މަތިހަށިނަގާ ތިޔަ ގޮވަމުންދަނީ ކޮން ގޮވެލި ފައްޗެއް ހެއްޔެވެ؟ ގޯތިވެސް ދެވުނީހީ ފައިބައިވަޑައިގެންނެވިއިރު، ބިން ހިއްކައި ތަން ދެއްކެވި ނަމަ ނޫންތޯއެވެ؟

މިހާރުގެ ރައީސް އެ ކުރައްވަނީ ބިން ހިއްކައި އަވަހަށް ގޯތި ދެއްވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަން ކަން ހަމަ ނުވިސްނެނީތޯއެވެ. އަނެއްކާވެސް ތިޔަ ކުޅެނީ ހަމަ ސިޔާސީ ކުޅިގަނޑެކެވެ. އިޚްލާސްތެރިކަމެއް ހުރިނަމަ، ވެރިކަމުގައި ހުންނެވިއިރު، ގޯތި ދޭނެ ބިން ދައްކަވާފައި އޮންނާނެއެވެ. އެދުވަހު ގޯތިތައް ބަހާލީވެސް ސިޔާސީ ބޭނުމަކަށެވެ. މިއަދުވެސް އެ ކުރައްވަނީ ހަމަ އެމަސައްކަތެވެ. މިކަމުގައި އޮޅުމެއް ނާރައެވެ. "ކަނޑުއަޑިން" ދިން ގޯތިތަކަކީ، ޤައުމުގެ ރައީސް ކަމާ ޙަވާލު ފަރާތެއްގެ ކަރުގައި ބަންދަށް އެއްލި ކެހިވެރި ސިޔާސީ މަޅިއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު