ރަނގަޅަށް މަސައްކަތް ނުކުރާ ކުންފުނިތައް އުވާލަނީ

ރަނގަޅަށް ޕާފޯމް ނުކުރާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ހާލަތްތަކުގައި ރީ ސްޓަރްކްޗާ ކުރުމާއި މާޖް ކުރުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން ޚަރަދުކުރަން ނުޖެހި ފައިދަވާ ކުންފުނިތަކަށް ހެދުމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖަޢާކޮށް ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ޚާއްސަ ކީ ޕާފޯމަންސް އިންޑިކޭޓާސް ކަނޑައަޅައި، 3 މަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާ ކުންފުނިތަކާއި، ޕަބްލިކް އަދި ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ހިންގާނެ ކުންފުނިތަކާއި، ހިއްސާ ވިއްކައިގެން އައިޕީއޯގެ ދަށުން ހިންގާނެ ކުންފުނިތައް ދެނެގަނެ ސިޔާސަތުތައް އެކުލަވާލުމަށް 3 މަސް ދުވަސް ކަނޑައަޅުއްވާފައިވާކަމަށް ކަމަށާއި، އަދި ކުންފުނިތަކުގެ ބޯޑުގެ ސަބް ކޮމިޓީ އާއި އޮޑިޓް ކޮމިޓީ އާއި ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީތައް އެކުލަވާލާ ހިންގުން ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް 3 މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމަވާފައިވާ ކަމަށެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާ ކުރުމުގެ އުސޫލުތަކެއް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަމަށާއި، އެކަށީގެންވާ ގޮތެއްގައި ޕަފޯމް ނުކުރެވޭ ކުންފުނިތަކާމެދު އަމަލު ކުރަންވީ ގޮތާބެހޭގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ނާޠިމު ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މިއަހަރު ތެރޭގައި ހަރުދަނާކޮށް، ކޭޝްފްލޯ ހަމަޖެއްސޭނެ ގޮތްތައް ހޯދައިދީ، ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަން ޖެހޭ ހާލަތްތަކުގައި ރީ ސްޓަރްކްޗާ ކުރުމާއި މާޖް ކުރުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.

އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ ތަންފީޒު ކުރެވޭނެ ކަމަށާއި، ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީގެ އިތުރުން އިތުރު ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ. އެ ކުންފުނި އުފައްދަނީ އެމްޓީސީސީގައި މަސައްކަތްތައް ފުނި ޖެހިފައި ހުރުމުގެ ސަބަބުން މަސައްކަތް ލުއިކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ފިޔަވަޅުއެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގައިވެސް ހިމަނުއްވާފައިވާ ވަޢުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު