Thursday, 12 September 2024

ޞިއްޙަތާބެހޭ ވަޒީރަށް ލަފާދެއްވުމަށް، ތަޖުރިބާކާރުން ހިމެނޭހެން 3 ކޮމިޓީއެއް އުފައްދަވަން ނިންމަވައިފި

ޞިއްޙަތާބެހޭ ވަޒީރަށް ލަފާދެއްވުމަށް 3 ކޮމިޓީއެއް އުފައްދަވަން ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކާބެހޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މިކަން ހާމަކުރައްވައި ނާޡިމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި އެދާއިރާ ކުރިއެރުވުމަށް ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ދާއިރާގެ ތަޖްރިބާހުރި ފަރާތްތަކުގެ ލަފައާއި އިރުޝާދު ޞިއްޙަތާ ބެހޭ ވަޒީރު ހޯއްދެއްވުމަށް 3 ކޮމިޓީއެއް އެކުލަވާލައްވަން ނިންމަވާފައިވާ ކަމަށެވެ. އެތިން ކޮމިޓީއަކީ ހެލްތު އެޑްވައިޒަރީ ކޮމިޓީ، ޕަބްލިކް ހެލްތު އެޑްވައިޒަރީ ކޮމިޓީއާއި، ކިއުރޭޓިވް ހެލްތު އެޑްވައިޒަރީ ކޮމިޓީއެވެ.

ހަމައެހެންމެ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު، ނޭޝަނަލް ސްޕޯޓްސް ވެޓަރަންސްގެ ދަފްތަރެއް އެކުލަވާލުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ. މިދަފްތަރަކީ ކުޅިވަރުގައި ހަރަކާތްތެރިވެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމާއި، އެފަރާތްތައް މުޖްތަމަޢުގައި ބާކީވެގެންދިޔަ ނުދިނުމާއި، އަގު ވަޒަންކުރުމާއި އަދި އެފަރާތްތަކުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތުލިބޭނެ މަގު ފަހި ކުރުމަށް ކުޅިވަރުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ރެކޯޑް ބެލެހެއްޓުން ކަމަށް ނާޡިމް ވިދާޅުވިއެވެ.

"މިއެކުލަވާލެވޭ ދަފްތަރުގެ ޒަރީޔާއިން ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމާއި، ހިންގުމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތައް ދެނެގަނެ އެފަރަތްތަކުގެ މަޢުލޫމާތާއި، ޚިދުމަތްތައް ރެކޯޑްކުރުމާއި، މިހާރުގެ ކުޅިވަރު ޖީލުތަކަށް އެފަރާތްތައް ތަޢާރަފްކޮށްދީ އެފަދަ ފަރާތްތަކުގެ އެހީގައި ކުޅިވަރު ތަރައްޤީކޮށް ހިންގުމުގައި އެފަރާތްތަކުގެ ބައިވެރިވުން އޮންނާނޭ ނިޒާމެއް ޤާއިމްކޮށް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ނޭޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑަރ ޕްރޮގްރާމެއް ފެށުން". ނާޡިމް ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނާއި އަންހެނުންގެ ދައުރު ޓެކްނޮލޮޖީގައި މިހާރަށް ވުރެ އިތުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ހެކަތޯން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ފެއްޓެވުމަށްވެސް ނިންމަވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ. މީގެއިތުރުން ކޯޑިން އާއި ފަންނިއްޔާތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދާން ބޭނުންވާ ތަރައްގީ ހޯދާ އެފުރުސަތުތައް ފަހިކޮށްދިނުމަށް 500 ޒުވާނުން ތަމްރީނު ކުރުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިފަރާތްތައް ތަމްރީންކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ފެތޭގޮތަށް ކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު