Saturday, 12 October 2024

އިންޑިޔާ ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެޤައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ބަޔާނެއް ނެރުއްވާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ މިއަދުގެ ބައްދަލުވުމަށް ފަހުއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ޤައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމެއް ބޭއްވި، އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ޤައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ފޮރން މިނިސްޓްރީން ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ދެ ޤައުމުން ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ މަތީ ފެންވަރުގެ ބައްދަލުވުން ދެން ބާއްވަން އެއްބަސްވީ  ދެ ޤައުމަށް ފަސޭހަ ވަގުތެއްގައި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އެކަމަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފައެވެ. އެ މަނިކުފާނު އެ ކަން ހުށަހެޅުއްވީ ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތް ހިމަނައިފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެކުލަވާފައިވާ ކޯ ގުރޫޕް ނުވަތަ މަތީ ފެންވަރުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.

މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ދުލެއް ނުދެއްވައި ރައީސް ޑރ. މުއިއްޒު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު