އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ މައްސަލަ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަށް އެކުލަވާލާފައިވާ އިލެކްޓޯރަލް ކޮމިޓީއާ ދެކޮޅަށް, ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އިންތިޚާބުގައި ވާދަކުރައްވާ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމުގެ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނިކޮށް، އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކުލަބު ވެލެންސިއާއިން ދީފައިވާ ތާއީދު ސިޓީ ބަލައިނުގަންނަން އިލެކްޓޯރަލް ކޮމިޓީން ނިންމުމާއެކު، އިންތިޚާބުގައި ވާދަކުރައްވާ އެފްއޭއެމުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤުގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.

ޠާރިޤަށް ތާއީދު ސިޓީގައި، އެ ކުލަބުގެ ޗެއާމަނަކަށް ހުންނެވި އަބްދުﷲ އަޒްމީން ސޮއިކުރެއްވިއެވެ. ހަމައެހެންމެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) ހުށަހެޅުއްވި ސިޓީއަކީ ވެލެންސިއާގެ ވައިސް ޗެއާމަން އިލްމާއު ހުސެއިން ސޮއިކުރައްވާފައިވާ ސިޓީއެކެވެ.

އެހެންނަމަވެސް،ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އަޒްމީން ވަކިކުރަން މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ކުލަބުގެ ބޯޑު މެންބަރުންގެ ބައްދަލުވުމެއްގައި ވަނީ ނިންމާފައެވެ. އެ ބައްދަލުވުމުގައި އަަޒްމީނުގެ އިތުބާރު ނެތްކަމަށް ފާސްކުރިއެވެ. އެގޮތުން، އެރޭގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާދިން ކަމަށްވެސް އެ ކުލަބުން ހާމަކުރިއެވެ. އެކަމަކު އަޒްމީން ވަނީ ވެލެންސިއާގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ނުުދެއްވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާގުޅިގެން ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެފްއޭއެމުން މީގެ ކުރިން އެދިފައިވާއިރު، އެ ލަފާގެ މަތިން އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ވެލެންސިއާއިން ދިން ދެ ސިޓީވެސް ބަލައިނުގަންނަން ނިންމާފައެވެ. ވެލެންސިއާގެ ތާއީދު ސިޓީ ބަލައިނުގަންނަން ނިންމުމާއެކު ޠާރިގުގެ ކެންޑިޑެސީ ބާތިލުވާނެއެވެ. އެއީ އެ ނިންމުމުގެ ސަބަބުން ޠާރިޤު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބުގެ ތާއީދު ކަމަށްވާތީއެވެ.

އެހެންވެ، އިލެކްޓޯރަލް ކޮމިޓީން ނިންމި ނިންމުން ޠާރިޤު އިސްތިއުނާފުކުރިއެވެ. އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް އަދި މިހާތަނަށް ބޭއްވިފައިނުވާ ކަމަށް ނެރުނު ބަޔާނެއްގައި ޠާރިޤު ވަނީ ވިދާޅުވެފައެވެ. އަދި އެފްއޭއެމުގެ އަސާސީ ގަވާއިދާއި އިންތިޚާބީ ގަވާއިދާ ޚިލާފު ކޮމިޓީއަކުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ޠާރިޤު ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމުގެ އިންތިޚާބާ ގުޅޭ އެތައް މައްސަލައެއް އޮތްއިރު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް މީގެކުރިން އަންގަވާފައެވެ. އެކަމަކު، އެފްއޭއެމުގެ އިންތިޚާބުގެ ކަންކަން ހުއްޓާލާފައިނުވާ ކަމަށް އެ އިދާރާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު