Thursday, 20 June 2024

އައިޖީއެމްއެޗް ބަދަލުގައި، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ހަމަޖައްސައިފި

އައިޖީއެމްއެޗް ބަދަލުގައި، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ހަމަޖައްސައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައެވެ.

އޭނާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރުކާރަކުން އަމިއްލަ އަށް އިސްނަގައިގެން ބިނާކުރި، ދިވެހިންގެ އަމިއްލަ ތަނެއް ކަމަށެވެ. އެއީ ދިވެހިންގެ ގައުމިއްޔަތު ދައްކުވައިދޭ ތަނެއްކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، ރާއްޖޭގެ މައި ހޮސްޕިޓަލަކީ ދިވެހިންގެ އަމިއްލަ ތަނެއް ކަމަށް ކަނޑައެޅުމަކީ ލިބޭނެ ފަހުރެއް ކަމަށެވެ.

"ދަރުމަވަންތައަކީ އަޅުގަނޑުމެންގެ އަމިއްލަ ނަމެއް ނޫންތޯ؟ އަމިއްލަވަންތަކަން، އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަޅުގަނޑުމެންގެ ގައުމު އިތުރަށް ދިރުވުމުގައި އިތުރު މަސައްކަތްތަކެއް ކުރަމުންދާއިރު، އަޅުގަނޑުމެން އަމިއްލަ ނަމެއް ދީފައި، އަޅުގަނޑުމެންގެ އަމިއްލަ ހޮސްޕިޓަލެއް، އަޅުގަނޑުމެން ސަރުކާރު މައި ހޮސްޕިޓަލެއް ގޮތުގައި ކަނޑައެޅިގެން ދިއުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ފަހުރެއް ނޫންތޯ؟" އޭނާ ވިދާޅުވިއެވެ.

އަައިޖީއެމްއެޗަކީ ރައީސް މައުމޫންގެ ޒަޢާމަތުގައި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށް، މީގެ 30 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ. އެ ނަން ދީފައިވަނީ އެ ގައުމުގެ ތިން ވަނަ ބޮޑުވަޒީރު، އިންދިރާ ގާނދީ އަށް ހާއްސަ ކޮށްގެންނެވެ.  އެ ތަނުގެ ޖާގަ ވަރަށް ބޮޑަށް ކުޑަވެ އަދި އިމާރާތް ބާވެ، އަބަދު މަރާމާތު ކުރަން ޖެހޭތީ ދިވެހި ސަރުކާރުގެ ހަރަދުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި އާ ތަނެއް ހުޅުވީއެވެ.

ހަލީމް ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ހޮސްޕިޓަލްތައް ކުރިމަގުގައި އިމާރާތް ކުރާނެ ކަމަށާއި ޕްލޭނުގައި ހުރިހާ ކަމެއް ވެސް ހިމެނޭނެ ކަމަށެވެ.

"މިހާރު މާލެ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލްގެ ތެރެއިން މައި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަޅުގަނޑަށް މާ ފަސޭހަ ކިޔަން ވެސް… ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލް. މައި ހޮސްޕިޓަލްގެ ގޮތުގައި މިހާރު ވެސް އެ ހުރީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށް ހަމަޖެއްސިއިރު، މިހާތަނަށް ވެސް ބޮޑު ހޮސްޕިޓަލްގެ ގޮތުގައި ބަލަމުންދިޔައީ މީގެ އެތައް އަހަރެއް ކުރިން އިންޑިއާ ސަރުކާރުން އަޅައިދީ، އޭރުއްސުރެ ބޭނުންކުރަމުން އަންނަ އައިޖީއެމްއެޗެވެ.

އައިޖީއެމްއެޗް ވަރަށް ބޮޑަށް ބާވެފައި ހުރުމުން މި ސަރުކާރުގެ ވިސްނުމަކީ، ދަރުމަވަންތަ ކައިރީގައި އިތުރު ޓަވަރެއް ހަދައި، އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތައް އެ ތަނަށް ބަދަލުކުރުމެވެ. އެ އަށް ފަހު، އެ ހޮސްޕިޓަލް މަރާމާތުކުރާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު