Tuesday, 23 July 2024

އިންފުލުއެންޒާ ފެތުރެނީ، މިހާތަނަށް 19 މީހުން ޕޮޒިޓިވް

މިއަހަރުގެ މިހާތަނަށް 19 މީހަކު އިންފުލުއެއްޒާއަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެއިދާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ H3N2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 8 މީހުންނެވެ. އަދި މިހާތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވި ދެމަހުގެ ތަފާސް ހިސާބަށް ބަލާއިރު އިންފުލުއެންޒާއަށް 24 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ނޮވެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 9 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 10 މީހުން ހިމެނެއެވެ. އަދި އެމަހު އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ.

މިދިޔަ ޑިިސެމްބަރު މަހު H3N2 އަށް ޕޮޒިޓިވްވެފައިވާ 7 މީހަކާއި H1N1 އަށް ޕޮޒިޓިވްވެފައިވާ 14 މީހުން ހިމެނޭކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޑިސެމްބަރު މަހު ވަނީ އިންފްލުއެންޒާ ބީ އަށް 3 މީހަކު ޕޮޒިޓިވްވެފައެވެ. މިދުވަސްވަރު އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރވެފައިވާއިރު H1N1 ޖެހިގެން މިހާތަނަށް އެކަކު ވަނީ ނިޔާވެފައެވެ. އަދި 3މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަމަށާއި، މިދުވަސްވަރަކީ ސަރަހައްދީ ޤައުމުތަކުގައިވެސް އިންފްލުއެންޒާ އަދި ކޯވިޑް-19އާއި އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރެއްކަމަށާއި، އަދި ސްކޫލް ބަންދާއި ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައިވެސް ފެތުރޭ މިންވަރު އިތުރުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިބައްޔަކީ، އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެންނަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިންފްލުއެންޒާ އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމެވެ. ޚާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދެއެވެ.

އިންފުލުއެންޒާ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސާފްތާހިރުކަމަށް އިސްކަންދިނުން މުހިއްމެވެ. އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ކަރުގައި ރިއްސުމާއި ކެއްސުމާއި ނޭފަތުން ފެންއައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާއި ހުން އައުމާއި ބޭރަށް ހިންގުން ހިމެނެއެވެ. ހުން އައިސް، ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު