މާލޭގެ އެކި ތަންތަނުގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިނދެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ އަޒްނީފް މުހައްމަދު އަނެއްކާވެސް އޭގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ އަޒްނީފް، މިދިޔަ ޑިސެމްބަރު މަހު 200 އަނބު ވަގަށް ބިނދެެ ދަބަހަކަށް އަޅައިގެން ފިލަން އުޅެނިކޮށް ހައްޔަރުކޮށްފައިވާއިރު، އަނެއްކާވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ މިފަހަރު ހައްޔަރުކުރީ، އިންޑިއާ ހައި ކޮމިޝަން ކުރިން ހިންގި އިމާރާތް، ހ. އަތިރީގޭ ފުރާޅުމަތިންނެވެ.
އެ ތަނުން އަޒްނީފް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ ފުރާޅުމަތީގައި ހުއްޓާ ފެނިފައިވުމުން، އޭނާގެ މައްޗަށް ކުރާ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު އުފެދޭ ވަރަށް ހެކި ހުރި ކަމަށް ނިންމައި 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވެއެވެ.
ކޯޓު އަމުރުގައި ވަނީ އަޒްނީފަކީ ހައްޔަރު އަދި ބަންދުގެ ގިނަ ރެކޯޑްތަކެއް އޮތް މީހެއް ކަމަށާއި ތަންތަނުން ވަގަށް އަނބު ބިނުމުގެ ތުހުމަތުގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަޢުލުމާތު ލިބޭ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލާއިރު އަޒްނީފް ވަނީ 38 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުކޮށްފައެވެ.