Saturday, 15 June 2024

ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ދިވެހި 5 އާއިލާއެއްގެ މެމްބަރުން ރާއްޖެ ގެނެސްފި

ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ދިވެހި 5 އާއިލާއެއްގެ މެމްބަރުން ރާއްޖެ ގެނެސްފިއެވެ.

ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް ރާއްޖެ ގެނައި ހާމަކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައި ތިއްބާ މިއަދު ރާއްޖެ ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި، 5 އަންހެނުންނާއި ފިރިހެނެއްކަމަށެވެ. އަދި މި 5 އާއިލާގެ މީހުން ތުރުކީ މަގުން ހެނދުނު 5:02 ހާއިރު ރާއްޖެ ގެނައުމަށްފަހު ބަހައްޓާފައި ވަނީ ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ރީ-އިންޓެގްރޭޝަން ސެންޓަރު، އެންއާރުސީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި އާއިލާތައް ސީރިއާ ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާކަމުގެ މައުލޫމާތު ލިބުމާއެކު އެއީ ދިވެހިންކަން ކަށަވަރުކޮށްފައިވާ ކަމަށާއި، އަދި ފުލުހުން މެދުވެރިކޮށް އެސެސްމަންޓުތައް ހެދިފައިވާކަމަށާއި، އަދި މި އާއިލާތައް ރާއްޖެ ގެނެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ އާއިލާތައް ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށް ކުރެއްވި މަޝްވަރާތަކުގެ ތެރެއިންކަމަށެވެ.

ރާއްޖެ ގެނައި އާއިލާތައް ނޭޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބާއިރު ފުރަތަމަ 30 ދުވަހު ވަކިވަކި މީހުންގެ އެސެސްމަންޓް ހަދާނެކަން ފާހަގަކުރައްވަމުން، އެ އެސެސްމަންޓް ރިޕޯޓަށް ބެލުމަށްފަހު ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމިޓީއަކުން އެކުލަވާލާ ޕްރޮގްރާމެއްގެ ދަށުން ވަކި މުއްދަތަކަށް އެމީހުންނަށް ފަރުވާދޭނެކަމަށާއި، މި އާއިލާތައް މުޖުތަމައަށް ނެރޭނީ މުޖުތަމައުގެ ތެރޭގައި އުޅެވޭނެވަރަށް ފަރުވާ ދެވުމުންކަމަށާއި، މި އާއިލާތަކުގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ރާއްޖެ ގެނައި އާއިލާތައް ދިރިއުޅޭ އެންއާރުސީގައި ހަތަރު ބްލޮކެއް ވަނީ ހަދައިފައެވެ. މީގެ ތެރެއިން އެއް ބްލޮކް އަންހެނުންނަށް ހާއްސަކޮށްފައިވާއިރު އެއް ބްލޮކް 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް، އެއް ބްލޮކް 18 އަހަރުން މަތީގެ ފިރިހެނުންނަށް އަދި އެއް ބްލޮކް އާއިލާތަކަށް ވަނީ ޚާއްސަކޮށްފައެވެ. މި ސެންޓަރުން އެއް ފަހަރާ 72 މީހުންނަށް އަދި 5 އާއިލާއަށް ފަރުވާފޯރުކޮށްދެވޭނެއެވެ.

އިހުސާން ވިދާޅުވީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި މިހާރުވެސް 100 އަށްވުރެ ގިނަ ދިވެހިން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވެ ސަރުކާރާ އެކަން ހިއްސާކޮށްފައިވާކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެންއާރުސީގައި ވަނީ އާއިލާއެއް ރިހެބިލިޓޭޓް ކޮށްފައެވެ. އެ އާއިލާގައި ހިމެނޭ ފަރާތްތަކަށް ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނެރެފައިވަނީ ކާމިޔާބު ކަމާއެކުގައިކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު