ޤާބިލުކަން ހުރި، ޒަމާނީ އަސްކަރިއްޔާއަކަށް ޤައުމީ ދިފާޢީ ބާރު ހެދުމަކީ ރައީސްގެ އަމާޒެއް: ދިފާޢީ ވުޒާރާ

ދިމާވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި، ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ އެއް މަސައްކަތްޕުޅުކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ވުޒާރާއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށެވެ.

އެ ބަޔާނުގައި ވަނީ  ސިފައިންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދަޢުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ވުޒާރާއިން މިހާރު ފަށްޓަވާފައިވާކަމަށެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސް ދަޢުރެއް އޮތީ ޤައުމީ ދިފާޢީ ބާރަށް ކަމަށް ވުމާއެކު، ބަދަލުވަމުންދާ ސަލާމަތީ މަޝްރަޙުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި އަސްކަރިއްޔާއަކަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން، ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ދަޢުލަތާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުދަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

ޤާނޫނު އަސާސީގެދަށުން ސިފައިންގެ ޚިދުމަތަށް މަތިކުރާ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުން ހިމެނޭ ކަމަށާއި ދިވެހި ދަޢުލަތް ދިފާއުކޮށް ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން ހިމެނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

ދިވެހި ދަޢުލަތުން ބައިވެރިވެފައިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ޒިންމާތައް ހިމަނާފައިވާއިރު، ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިނގާފާނެ ޓްރެފިކިންގްއާއި މެރިޓައިމް ޓެރަރިޒަމްފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް"ތައް ހުއްޓުވުމުގެ ޒިންމާ ހިމެނޭ ކަމަށާއި، ޤުދުރަތީ ކާރިސާތަކާއި ނުރައްކާތެރި ބޮޑެތި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއެކު އެއްގަމުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމާތްކުރުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނި ދިވެހި ސިފައިންނާ ކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު