Wednesday, 19 June 2024

ހުއްދަ ލިބިފައިވާކަން ކަށަވަރުކޮށްފައި މެނުވީ ޢުމްރާއަށް ދާން ފައިސާ ނުދެއްކުމަށް ވުޒާރާއިން އެދޭ

ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން ކަށަވަރުކޮށްފައި މެނުވީ ޢުމްރާގެ އަޅުކަމަށް ދިއުމަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ ވުޒާރާއިން މިފަދައިން އިލްތިމާސްކުރެއްވީ ހުއްދަ ނުލިބެނީސް ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ދާން އެދޭ މީހުންގެ އަތުން އެޑްވާންކޮށް ފައިސާ ނަގާކަން ފާހަގަވުމާއި ގުޅިގެން ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެ ވުޒާރާއިން ވަނީ މިގޮތަށް ފައިސާ ނަގަމުންދާ 2 ކުންފުންޏެއްގެ މައްސަލަ ބަލާ، އެ ދެ ކުންފުނީގެ މަޢުލޫމާތުވެސް އާއްމުކުރައްވާފައެވެ. އެ 2 ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ" އާއި "ވަޑި ޙައްޖު އެންޑް ޢުމްރާ"އެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އުމުރާއަށް މީހުން ގެންދިއުމަށް އިޢުލާންކޮށް ފައިސާ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެވުޒާރާއަށް ފާހަގަކުރެއްވިފައިވާ ކަން ފާހަގަކުރައްވައި، މިފަދަ ޢަމަލުތަކަކީ މަނާކަމެއްކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން ހުއްދަ ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން އެއްވެސް މީހެއްގެ އަތުން ނުވަތަ ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެކަމަށެވެ. އަދި ޢުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ ޢުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާއި ޚިލާފު ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާއި ވުޒާރާއިން ނެރުއްވި ބަޔާނުގައިވަނީ، އުމްރާއަށް މީހުންގެ ގެންދިއުމާއި ބެހޭ އުސޫލުގެދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން ޢުމްރާއަށް މީހުން ގެންދިއުމާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ދެއްކުމަކީވެސް އުސޫލުގައި މަނާ ކަމެއްކަމަށް ކަމަށާއި، މިއުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން ކަމަށެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން މިހާރު ކުންފުނިތަކަށް ހުއްދަ ދެމުންދަނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.  ޢުމްރާގެ ޚިދުމަތަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ލިސްޓް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައިވަނީ އާއްމުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު