ގައުމަށް ހިދުމަތް ކުރުމުގެ ދޮރު މި ސަރުކާރުން ކޮންމެ މީހަކަށްވެސް ހުޅުވާލަދޭނެކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޚިދުމަތުން ވަކިވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ ވިދާޅުވީ، މިއީ ހިދުމަތުން ދުރުވެފައިވާ ފަރާތްތަކަށް މިއީ ލިބޭ ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށެވެ.
ހިދުމަތަށް އެނބުރި ނިކުންނަން ބޭނުންވާ މީހުން ދެނެގަނެވިފައިވާކަމަށާއި، އެފަދަ މީހުންނާއި މުއާމަލާތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަމާޒަކީ އެ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދީ، ގައުމަށް ހިދުމަތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުންކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށްވެސް މިއީ މުހިންމު އެޖެންޑާއެއްކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ޖުމްލަ 39 މީހުން އެކި މަޤާމުތަކަށް ނެގުމަށް ހަމަޖެހިފައިވެއެވެ. މިއީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔާކޮށްފައިވާ ހިދުމަތްތެރިންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގެ ދަށުން، ޖުމްލަ 20 މެޑިކަލް އޮފިސަރުންނާއި 17 ނަރުހުންނާއި އެއް ކޮމިއުނިޓީ ހެލްތް އޮފިސަރާއި އެއް މެޑިކަލް ލެބޯޓްރީ ޓެކްނީޝަނެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ހަމަ އެހެންމެ، އެހެން ދާއިރާތަކަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ހިންގާ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން މިގޮތަށް ތަންފީޒު ކުރެވިދާނެކަމަށް ފެންނާތީ އެ މަސައްކަތް ކުރަން މަޝްވަރާ ކުރަމުންދާކަން ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.