22 އެޕްރީލް 2025

ބޮޑުތަކުރުފާނު މަގު ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުންނާއި، ދޮންއަދަރާދަ ހިނގުން ހުޅުވާލުމުން ލުއި ފަސޭހަތައް ލިބިގެންދާނެ: ފަހުމީ

ބޮޑުތަކުރުފާނު މަގުގެ ބަޔަކަށް އަރާގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުގެ މަސައްކަތާއި، މިހާރު މަސައްކަތް ކުރަމުންދާ ދޮންއަދަރާދަ ހިނގުން ހުޅުވާލެވި، އެ ސަރަހައްދުން ދަތުރުފަތުރުކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، މާލޭ ބޮޑުތަކުރުފާނު މަގުގައިހުރި ފިއުލްޕަމްޕް ސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކުރައްވައި މިއަދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

"މާތްﷲގެ އިރާދަފުޅާއެކު، ރައްޔިތުންގެ ވިންދާ އެއްގޮތަށް ބައްޓަންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އުނދަގުލަކަށް ނުވަތަ ތަކުލީފަކަށް ވާގޮތަށް ހުރި ސްޓެލްކޯއާއި ގުޅުންހުރި ހުރިހާ ކަމެއް މި މަސައްކަތާއެކު ހައްލު ކުރެވިގެންދާނެ." ފަހުމީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ބޮޑުތަކުރުފާނު މަގުގެ ބަޔަކަށް އަރާގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުގެ މަސައްކަތާއި، މިހާރު މަސައްކަތް ކުރަމުން ދާ ދޮންއަދަރާދަ ހިނގުން ހުޅުވާލެވި، އެ ސަރަހައްދުން ދަތުރުފަތުރުކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް މިފަދަ ކަންކަން ކޮށްދިނުމަކީ ސަރުކާރަށާއި، ސްޓެލްކޯއަށް ލިބޭ ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް." ފަހުމީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށް ނިންމެވީ، އެ ސްޓޭޝަން އެތަނުގައި ހުރުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާތީކަމަށެވެ.

ފަހުމީ ވިދާޅުވީ އެމްޓީސީސީ އާއި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށެވެ. އަދި މަޝްރޫޢަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އަމިއްލަ ބަޖެޓުންކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ އައު ޕަމްޕް ސްޓޭޝަން ޤާއިމްކުރުމަށް ފަޅުގައި ކޮންކްރީޓު ޝީޓެއް އަޅާނެކަމަށާއި، އެ ޝީޓު އަޅާނީ މޫދުގައި ސާރވޭ ކުރުމަށްފަހު، އެންވަޔަރަމަންޓަށް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ހުއްދައާއެކުކަމަށެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަނަކީ މާލޭގައި ހުންނަ ސްޓެލްކޯގެ ޕަވަރ ޕްލާންޓަށް ޑީސަލް އެޅުމަށް ބޭނުންކުރާ ސްޓޭޝަނެވެ. ސްޓެލްކޯއިން ބުނީ ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނީ، ޚިދުމަތްތަކަށް ބުރޫ ނަރާނެގޮތަށްކަމަށެވެ.

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރުމަށްކަމަށް ފަހުމީ ވިދާޅުވިއެވެ.

ފިއުލްޕަމްޕު ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ އެދިމާލު ފަޅުން ބައެއް ހިއްކުމަށްފަހު އެތަނަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައިހުރި ފިއުލްޕަމްޕް ސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު