ސިޙުރު ހެދުމާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާއެއް އާންމުކޮށްފި

ސިޙުރު ހެދުމާއި، ސިހުރު ހަދާމީހުންނަށް ހިތްވަރު ނުދިނުމަށާއި އެފަދަ މީހުން ކައިރިޔަށް ނުދިޔުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވި ފަތުވާގައި ވަނީ، ސިހުރު ހެދުމަކީ އިސްލާމްދީނުގެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ސިޙުރު ހެދުމަކީ އިސްލާމްދީނުގެ ސާފު ތެދުމަގުން ރައްޔިތުން އެއްކިބާވެ، ހިދާޔަތުގެ ތެދު މަގުން ނެއްޓި މަގުފުރެދިދާނެ ކަމަކަށްވާތީ އެފަދަ ތަކެތި ރައްޔިތުންނަށް ފެންނާނެހެން ހަބަރުފަތުރާ ވަސީލަތްތަކުން ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

އެ ފަތުވާގައި ވަނީ، އެފަދަ މީހުންގެ ގާތަށް ގޮސް ސިޙުރުގެ އެހީ ލިބިގަތުމަކީ ޙަރާމް ކަމެއް ކަމަށެވެ. އަދި އެފަދަ މީހުންގެ ގާތަށް ނުދިއުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިލްތިމާސްކުރައްވައެވެ.

ރާއްޖޭގައިވެސް ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުންފަދަ ކަންކަން ފައިސާ ނަގައިގެން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ ކަންކަމުން ނުކުމެފައިވާ ހިތި ނަތީޖާގެ ވާހަކަތައް ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެފައިވެއެވެ. އަދި އެފަދަ މީހުން ފަރުވާ ހޯދަންދާ މީހުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އެމީހުން ފަރުވާގެ ނަމުގައި ކުރާ ކަންކަމުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންލިބޭ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު