30 އެޕްރީލް 2025

ތައިލެންޑާއި ޔޫއޭއީން ބޭސްފަރުވާ ކުރުމާ ގުޅޭ މަސައްކަތް އާސަންދައިން ފަށައިފި

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީއަށް ބަލިމީހުން ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާއެކު ކުރައްވަމުން ގެންދާވާ ކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައިވަނީ، ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، އާސަންދަ ޚިދުމަތް އިތުރު ޤައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް ނެތްކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާއިރު ސަރުކާރުން މިޚިދުމަތް ފުޅާކުރުމަށް ނިންމާ އެކަން އޭރު އިޢުލާންކޮށްފައި ނުވާކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާއަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ތައިލެންޑާއި ޔޫއޭއީއަށްވެސް މިސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ މާލެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ތައިލެންޑާއި، ޔޫއޭއީފަދަ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި އާސަންދައިގެ ދަށުން ހުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން އިތުރު ޤައުމުތަކުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އާސަންދައިގެ ޚިދުމަތް ފުޅާކޮށް މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިން ކުރެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު