Thursday, 20 June 2024

މަޖިލިސް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ މާރިޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ވަނީ ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށާއި، އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން 10 ޤައުމެއްގެ 20 މީހުންނަށް ދަޢުވަތު ދެއްވާފައިވާކަމަށެވެ. އަދި 5 ޖަމްޢިއްޔާއަކުން 10 މީހަކަށް ފުރުޞަތު ދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބޭރުގެ 15 ޤައުމަކަށް އިންތިޚާބު އޮބްޒާވްކުރުމަށް ދަޢުވަތު ދެއްވިއެވެ.

އީސީން ކަނޑައަޅާފައިވާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިޚާބުގައި ޕާޓީތަކާއި އަމިއްލަ ފަރާތްތަކުންވެސް ވާދަކުރައްވާނެކަން ވަނީ އިޢުލާންކޮށްފައެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 31 އިން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އަންނަ މަހުގެ 16 ވަނަ ދުވަހު އިޢުލާންކުރައްވާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

އީސީން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވެއެވެ. އެއީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. އަދި ވޯޓު ފޮށްޓަކަށް ގިނަވަގެން ވޯޓު ލާނީ 600 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމަވާފައެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރިރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހާހަމައަށް ހުޅުވާލައްވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު