ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން އެއަރޕޯޓްގައި ހުންނަވައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން، އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫ.އޭ.އީ.) އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އެގޮތުން ޔޫ.އޭ.އީ. އަދި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ޚަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއިމެދު ގެންގުޅެމުންދާ ހަރުދަނާ ސިޔާސަތުތަކަށް ބައެއް ޢިއްޒަތްތެރިން ހިތްހަމަ ނުޖެހިއްޖެއެވެ.
އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެންމެނަށް ހުރިހާ ކަމަކަށް ކަވަރެޖު ނުދޭކަމަށާއި، އަމިއްލަ އަތުން ހަރަދުކޮށްގެން ގޮސް އިންޑިއާއިން ހިދުމަތްތައް ހޯދާ އެތައް ބަޔަކު އުޅޭކަމަށް ވިދާޅުވެ މިކަމުގައި ރައްޔިތު މީހާ ސުވާލެއްގެ ތެރެއަށް ދޫކޮށްލަން ތިޔަ މަސައްކަތް ކުރައްވަނީ ކީއްވެތޯއެވެ؟
އާސަންދަ ނިޒާމުގެ މިސްރާބު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ބައްޓަންކުރައްވަން ސަރުކާރުން ފައްޓަވާފައިވާ ދަނޑިވަޅެއްގައި، އާސަންދައިގެ ހިދުމަތް ނުލިބޭ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ހޯދުމަށް މާލެއަށް އައިސް ހުރުމަށްވުރެ އިންޑިއާއަށް ދަތުރުކުރުންވެސް ހަރަދުކުޑަކަމަށް ވިދާޅުވެ، މާލޭގައި ހުރުމުގެ ހަރަދު އިންޑިއާގައި ހުރުމުގެ ހަރަދަށްވުރެ ބޮޑުވާނެކަން ފާހަގަކުރައްވަމުން ރައްޔިތުން ބޭސް ފަރުވާއަށް އިންޑިޔާގެ ފައިބުޑަށް ވެއްޓި ސަލާން ޖަހަންޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވާތީ އަޖައިބު އަންތަރީސްވެއްޖެއެވެ.
ރައްޔިތުންނަށް ޑުބާއީއަށާއި ތައިލެންޑަށް ނުދެވޭނެކަމަށް ވިދާޅުވެ ތިޔަ ދެއްވާ މެސެޖަކީ ދެހާހުގެ ކުރިން ދިވެހިން އަޑު އެހި ފަދަ ވާހަކައެކެވެ.
ޤައުމުގެ ހުންގާނާ ޙަވާލުވެވަޑައިގެން ހުންނެވި ވެރިޔަކު ވަރަށް ގިނަ ކަންކަމަށް ވިސްނެވުމަށްފަހު، އަދި އެކަން ކުރެވޭނެ މަގެއް ހޯއްދެވުމަށްފަހު ރައްޔިތުންނަށްޓަކައި ރަނގަޅު ނިންމެވުމެއް ނިންމެވުމުން "ޢިއްޒަތްތެރިން" ނަށް އެކަން ބަލައި ނުގަނެވި ފަޔަށް ހިނިއަރައިގެން މިއުޅެނީ ނިކަމެތި ރައްޔިތުމީހާ ތައިލެންޑަށް ގޮސް ރަނގަޅު ފަރުވާއެއް ހޯދަފާނެތީ ތޯއެވެ؟