Saturday, 25 May 2024

މެހެމާންދާރީ އަދާކުރުމުގައި ތިބީ ކަނބަލުން، ރާއްޖޭގެ ރީތިކަން އަންހެން ބޭފުޅުންނާ ނުލައި ފުރިހަމަ ނުވާނެ: ވަޒީރު

މެހެމާންދާރީ އަދާކުރުމުގައި ތިބީ ކަނބަލުންކަމަށާއި އެހެންކަމުން ރާއްޖޭގެ ރީތިކަން އަންހެން ބޭފުޅުންނާ ނުލައި ފުރިހަމަ ނުވާނެކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހަފްތާ14 މަގުޗާޓުގައި ހިމެނޭ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ފަތުރުވެރިކަމުގެ ސިނާޢަތު ރާއްޖޭގެ އިޤްތިސާދުގެ %40 ހިއްސާކުރާކަމަށެވެ. 1972ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ނަމަވެސް 2000އަށްވުރެ ގިނަ އަހަރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތްއިރު ރާއްޖެއިން ދިނީ މެހެމާންދާރީކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފަހި ފަތުރުވެރިކަމަކަށް ވެގެންދާނީ ކަނބަލުންގެ ބައިވެރިވުމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

މެހެމާންދާރީ އަދާކުރުމުގައި ތިބީ ކަނބަލުންކަމަށާ އެހެންކަމުން ރާއްޖޭގެ ރީތިކަން އަންހެން ބޭފުޅުންނާ ނުލައި ފުރިހަމަ ނުވާނެކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ކަނބަލުން ނެތި މި ސިނާއަތް ފުރިހަމަ ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް ވަންނަ ކޮންމެ 100 ޑޮލަރުގެތެރެއިން 80 ޑޮލަރު މިވަންނަނީ ގާތްގަނޑަކަށް ފަތުރުވެރިކަމުން ކަމަށާއި، ރާއްޖޭގެ އާބާދީގެ އެންމެބޮޑު ޕަސެންޓޭޖްގެ 0.01 ފަސެންޓް އިންޑަސްޓްރީގައި ނެތުމަކީ ފަތުރުވެރިކަން ފަހިވާނެ ކަމެއްނޫން ކަމަށެވެ. އެހެންކަމުން ރައީސްގެ މެނިފެސްޓޯގައި ކަނބަލުން ނެރުމަށް އެހާބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމަށް ކަނބަލުންނަށް ގޮންޖެހުންތަކެއް ހުރި ކަމަށާއި، އާއިލާއެއް ފެށުމަށްފަހު ރަށުން ބޭރުގައި މަސައްކަތްކުރުން ދަތިވެފައިވާކަން ކަމަށާއި، މިކަމަށް ހައްލެއް ގެނެސްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ރައީސް ވިސްނެވީ ވަކި ސަރަހައްދުތަކެއްގައި އެކޮމޮޑޭޝަންތަކެއް ހަދައި ލުއި ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ އެކޮމޮޑޭޝަން ސެންޓަރުތަކުން ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި، އަދި އެއާއިއެކުގައި ޓްރާންސްޕޯޓް ނެޓްވޯކެއް އައިސް ފަސޭހަކަމާއިއެކުގައި އެ ސިސްޓަމް ޤާއިމްވެފައި އޮތުން ކަމަށެވެ.

މި ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ހިމެނޭ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް މި ސިނާއަތައް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާރންޝިޕް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމްތައް އަހަރަކު 2 ފަހަރު ހިންގުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *