ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް، ޖިހާދުގެ ނަމުގައި ދިއުން ހުއްދަނޫންކަމަށް ފިޤްހު އެކަޑަމީއިން ވިދާޅުވެއްޖެއެވެ.
ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ބައެއް ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ޙުކުމާއި ބެހޭގޮތުން ފިޤްހު އެކެޑަމީން ނެރުއްވާފައިވާ ފަތުވާގައި ވިދާޅުވީ އިސްލާމީ ބައެއް ޤައުމުތަކަށް ޖިހާދުގެ ނަމުގައި މަދުން ނަމަވެސް ދިވެހިން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހުއްދަ ކަމެއް ނޫންކަމަށް އެހާރާއި މިހާރުގެ ޢިލްމުވެރިން ފަތުވާ ދެއްވާފައިވާކަމަށް ފަތުވާ މަޖިލީހުން ނެރުއްވި ފަތުވާގައި ވިދާޅުވިއެވެ.
އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަކީ އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުންކަރާތްތަކުގެ ތެރެއިން ކަމެއްކަމަށާއި، އެގޮތުން ސީރިޔާ ފަދަ ހަނގުރާމަ ހިނގަމުންދާ މުސްލިމު ޤައުމުތަކަށް، ޖިހާދުގެ ނަމުގައި މުސްލިމު ޤައުމަކުން ދިއުމަކީ، މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ޤައުމުތަކުގެ ކަންތައްތަކާ ބެހުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.
މިފަދަ ޙާލަތްތަކުގައި ކީރިތި ރަސޫލާ އަންގަވާފައިވަނީ ހަނގުރާމައިގެ ތެރޭގައި ތާށިވެފައި ތިބި މުސްލިމުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރުމަށާއި، އުންމަތުގެ ވަޙްދަތަށްޓަކައި މަސައްކަތްކުރުމަށް ކަމަށް ފަތުވާ މަޖިލީހުން ނެރުއްވާފައިވާ ފަތުވާގައި ވެއެވެ.



