ރާހިލްގެ އެތަށް އާދޭހެއްގެ މަތިން ޝައިނާގެ ހަށިފާރަވެރިޔާ ބަދަލުކޮށްދިނުމަށް ރިއާން އެއްބަސްވިއެވެ. ރާހިލް ހިތްހަމަޖެހޭ މީހެއް އެމަގާމަށް ހަމަޖައްސައިދިނުމަށް މޯޑުއަށް ގުޅައިފައި ބުނުމުން ރާހިލް ހެވިފައިހުރެ އެތަނުން ނުކުތެވެ. ޒީވާއަށް ހިނގައިދިޔަ ކަންތައް މާ ރަނގަޅަށް ނޭނގުނު ކަމުގައި ވިޔަސް ރިއާންއާއި ރާހިލްއަށް ބަލަންހުރެ ބޯ ހޫރައިލެވުނެވެ.
***************
އިތުރު ހަފްތާއެއްހާ ދުވަސްފަހެވެ. ރިއާން ހޮސްޕިޓަލުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ދުވަސް ކަމުގައިވާތީއާއެކު އޭނާއަށް ހެޔޮއެދޭ އެންމެން ކަހަލަ ގޮތަކަށް އެތަނަށް އައިސް ތިއްބެވެ. ރިޔާޒާއި ޝީރީން ފެންނަން ނެތް ކަމުގައި ވިޔަސް އޭނާގެ ފަރުވާލެއްނެތެވެ. ޒީވާގެ އާއިލާއާއި ޝިމާންގެ އިތުރުން އޮފީހުގައި އޭނާއާ އެންމެ ގާތްކޮށް މަސައްކަތްކުރާ ނީމްއާއި މޯޑުވެސް އެތަނުގައި ތިއްބެވެ. އެވަރުން އޭނާއަށް ފުދެއެވެ. ފުދި އިތުރުވެސް ވެއެވެ. އޭނައަކީ އެއްވެސް އިރެއްގައި މާ މީހުންނާ ގުޅިގެން އުޅޭ މީހަކަށް ނުވިނަމަވެސް ހޮސްޕިޓަލުގައި އޮތްއިރު އެ އެންމެންގެ ފަރާތުން ފެނުނު އޯގާތެރިކަމާއި އަޅާލުން އޭނާ ހަނދާނެއް ނުނެތެއެވެ. ވީއިރު އޭނާ ބޭނުން ނުވި ކަމުގައި ވިޔަސް އެމީހުން އެތަނަށް އައުން އޭނާ މަނާކުރާނީ ކޮން ދުލަކުންހެއްޔެވެ؟
"ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ފާހަގަކުރެވެނީ. ރިކަވަރީ ވަރަށް ބަރާބަރު. ރިއާން ވަރަށްބޮޑަށް ރަނގަޅުވާން ހިތްވަރުކޮށްފަ އެބަހުރި. ހަމަލާގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރި ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ އިތުރު ދެމަހެއްހާ ދުވަސްތެރޭ ކުރީގެ ހަލާތައް ރުޖޫއަވެވޭނެ ކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ" ޑަކްޓަރުގެ ވާހަކަ އަޑުއަހަންތިބި އެންމެންގެ މޫނުމަތިވެސް އުޖާލާވެފައިވަނީ ހިނިތުންވުމުންނެވެ.
"ތޭންކްސް ޑޮކްޓަރ.. ރިއަލީ އެޕްރިޝިއޭޓް އިޓް." ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެލައިގެން އިން ރިއާން ޑޮކްޓަރާ ސަލާންކޮށްލިއެވެ.
"އަދި އެއްކަންތައް.. ހޮސްޕިޓަލުގެ އެމް.ޑީ ވަރަށް ބޭނުންވި ރިއާންއާ ބައްދަލުކޮށްލަން.. މިހާރު ވަޑައިގަންނަވާނެ.. އިފް ޔޫ ޑޯންޓް މައިންޑް" މިފަހަރު ޑޮކްޓަރު ބުނެލި ޖުމްލައިން ރިއާންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިދިޔަ ނަމަވެސް އޭނާ އެކަމަށް ބޯ ޖަހައިލިއެވެ. ހޮސްޕިޓަލަށް ވަނީއްސުރެން އޭނާ ހުރީ އެވަގުތު އަންނާނެކަމަށް ބަލައިގެންނެވެ. އޭނާ އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދިނުން ވެގެންދާނީ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ލިބޭނެ ކިހާބޮޑު އުފަލެއްކަން އޭނާއަށް އެނގެއެވެ.
އެބުނާ މީހަކު ކޮޓަރިއަށް ވަނުމާއެކު ޒީވާއާއި ޑޮކްޓަރ އަރަޝް އަދި އެތަނުގައިހުރި ހަށިފާރަވެރިޔާ ފިޔަވައި އެހެން އެންމެން ކޮޓަރިން ނުކުތެވެ.
"ހައި ރިއާން.. ގުޑް ޓު ސީ ޔޫ ސަރ" އެމީހާ ވަތްގޮތަށް ވަދެ ރިއާންއާ ސަލާންކޮށްލިއެވެ. ރިއާން ބުމަ ގޮށްޖަހައިލި ގޮތުން އޭނާއަށް އެ ބުނެވުނު އެއްޗެއް ރޭކައިލީ ކަހަލައެވެ. އަވަސް އަވަހަށް ކަރުކެހިލަމުން ކުރިން ބުނެވުނު ޖުމްލަ ރަނގަޅު ކޮށްލިއެވެ. "އައި މީން ގުޑް ޓު ސީ ޔޫ އިން ޖެނެރަލް.. މިބުނީ މިނޫން ތާކުން މިނޫން ގޮތަކަށް ބައްދަލުވިނަމަ އަޅުގަނޑު މާބޮޑަށްވެސް އުފާވީސް ދެއްތޯ؟"
އެމީހާގެ ވާހަކައިގައި ސަމާސާގެ ރާގު އެކުލެވިފައިވި ނަމަވެސް ރިއާންއަށް އެ ސަމާސާ މަޖަލެއްނުވިއެވެ. ދެމީހުންގެ ދެމެދުގައި ރަސްމީ ހައިސިއްޔަތަކުން ބަދަލު ކޮށްލެވުނު ދެތިން ހާލާއިހުވާލުގެ ސުވާލަކަށްފަހު އެމީހުންގެ ވާހަކަތައް ކުރުކޮށްލިއެވެ.
"އާދެ އެހެންވިއްޔާ އަޅުގަނޑު ދެން ގޮސްލީ އެނގޭތޯ.. އަދި އެއްކަމެއް.. އަރަޝް؟" މެނޭޖިންގް ޑިރެކްޓަރ ގޮވައިލުމާއެކު ދެތިން ފިޔަވަޅު ފަހަތުގައިހުރި ޑޮކްޓަރު އަވަސް އަވަހަށް ކުރިއަށް ޖެހިލިއެވެ.
"ރިއާންއާ އެއްކަލަ ވާހަކަ ދައްކާލިންތަ؟ މިބުނީ ރިއާން ގެއަށް ދޫކޮށްލުމަށްފަހުގައިވެސް އިތުރު އެހީތެރިކަން ބޭނުންވާނަމަ ޕްރައިވެޓް ނަރުހެއް ހަމަޖައްސައިދޭން އަހަރެން ބުނީމެއްނު؟"
އެމީހާގެ ސުވާލާއެކު އަރަޝްގެ މޫނުން ދާތިކިތައް ވިދަންފެށިއެވެ. އެއީ އާންމު ބަލިމީހުންނާ ދޭތެރޭ ކަންތައްކުރާ އުސޫލަށް ނުވާތީއާއެކު އެ މައުލޫމާތު ރިއާންއަށް ދޭން އޭނާގެ ހަނދާނުން ކައްސާލިއެވެ. ހޮސްޕިޓަލުގެ މުވައްޒަފަކަށް ވާތީއާއެކު ޒީވާއަށް އަރަޝްގެ މޫނުމަތީގައިވި ހާސްކަން ނަގައިގަނެވުނީ ކަންނޭނގެއެވެ. އޭނާ އަވަސް އަވަހަށް އަރަޝްގެ ދިފާއުގައި ތެދުވިއެވެ.
"ޔެސް. އަރަޝް އަޅުގަނޑާ ވާހަކަދެއްކި.. އަޅުގަނޑު ބުނިން އަޅާނުލާށޭ އަޅުގަނޑު ހުންނާނަމޭ" ޒީވާ ބުންޏެވެ. އެއާއެކު އަރަޝްގެ އިތުރުން ގޮނޑީގައި އިން ރިއާންއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މެނޭޖިންގް ޑިރެެކްޓަރުގެ ވާހަކަ އަޑުއިވުނު ވަގުތުން ފެށިގެން ރިއާން އިނީ ނޭވާ ހިފަހައްޓައިލައިގެނެވެ. އޭނާއަކީ އެއްވެސް އިރެއްގައި އޭނާގެ ކަންކަމުގައި އެހެން މީހަކަށް ބަރޯސާވާން ބޭނުންވާ މީހަކަށް ނުވެފައި ވީހާވެސް މީހުންނާ ދުރުން އުޅެން ބޭނުންވާ މީހަކަށްވާތީއާއެކު އެތަނުން ނަރުހަކާއެކު ގެއަށް ފޮނުވައިލައިފާނެ ކަމަށް އޭނާ ކަންބޮޑުވިއެވެ. އެއީ އަންހެން ނުވަތަ ފިރިހެން ނަރުހެއް ކަމުގައިވިޔަަސް އޭނާ އެގޮތް ބޭނުނެއް ނުވެއެވެ. އޭނާ ދިރިއުޅޭ މާހައުލަކީ ބީރައްޓެހިންނަށް ހުޅުވައިލެވިފައިވާ މާހައުލެއް ނޫނެވެ. ނަމަވެސް ޒީވާ އޭނާގެ ކަންކަމުގައި ޒިންމާނަގަން އެއްބަސް ނުވިނަމަ ހުދު އޭނާ އަމިއްލައަށްވެސް އެފަދަ ހިދުމަތަށް އެދެން ޖެހޭނެކަން ރިއާންއަށް އެނގުނެވެ.
"ޒީވާއަށް ވަންޏާ އަޅުގަނޑުމެންގެ މައްސަލައެއް ނެތް. ރިއާން ވަރަށް ނަސީބުގަދަ. ޒީވާއަކީ އަހަރުމެންގެ އެންމެ ރަނގަޅު އެއް ސްޓާފް. ވީ އަރ ޓްރޫލީ ލަކީ ޓު ހޭވް ސަޗް އަ ދެމް"
"އިން ދެޓް ކޭސް.. އިޓްސް ސަޗް އަ ޝޭމް ދެޓް ޔޫ ކުޑުންޓް ޕްރޮޓެކްޓް ހަރ!" ރިއާންގެ ދުލުން އެ ބަސްތައް ނުކުތީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
"ގާނޫނީ ގޮތުންވެސް ރައްކާތެރިކަން ލިބެންޖެހޭފަދަ އިމާރާތެއްގެ ތެރޭ އަމިއްލަ މުވައްޒަފަކަށް ދިމާވާ ހާދިސާއަކާ ޒިންމާނުވެ އަދި އެކަމުގެ ހެކި ނައްތާލަން އުޅުމަކީ ހިދުމަތް ކިތަންމެ ރަނގަޅަސް އެތަނެއްގެ ފެންވަރާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް. ނޫންތަ؟" ރިއާންގެ ސުވާލަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެތަނުގެ މެނޭޖިންގް ޑިރެކްޓަރ ރިއާން އިށީނދެ އިން ގޮނޑީގެ ގާތަށް ޖެހިލިއެވެ.
"އަޅުގަނޑަށް ފެެންނަނީ ދެން ފޮޓޯއެއް ނަގައިލުމަށްފަހު މި ބައްދަލުވުން ނިންމާލަން" އެމީހާ ގެނައި ފޮޓޯގްރަފަރުގެ ކެމެރާ ފްލޭޝް ކެނޑުމާއެކު ރިއާން ހިނިތުންވެލިއެވެ.
"ނޯ ޕޯސްޓިންގް" އޭނާ ނުކުތުމުގެ ސަލާމަށް އަތްދިއްކޮށްލި ވަގުތު ރިއާން އަވަސް އަވަހަށް ބުންޏެވެ.
އެމީހުން އެތަނުން ނުކުތުމާއެކު ބޭރުގައި ތިބި އެންމެން އަނެއްކާވެސް އެތެރެއަށްވަނެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ވަތް ރާހިލް އައިސް ރިއާން އިށީންދެ އިން ދުއްވާ ގޮނޑީގެ އަތްގަނޑުގައި ހިފައިލިއެވެ.
"ކޮބާ؟ ދާންވީނު؟" ރާހިލް ގޮނޑި ކުރިއަށް ދުއްވައިލަމުން ބުންޏެވެ. ރިއާން ކަނާތް ހިއްލައިލައި ރާހިލްގާތު މަޑުކުރުމަށް އިޝާރާތްކުރުމުން ރާހިލް ވާނުވާ ނޭނގިފައިހުރެ ގޮނޑި ހުއްޓައިލިއެވެ. ރިއާން ގޮނޑީގެ ދެފަރާތުގައި އަތް ވިއްދައިލުމަށްފަހު ލަސްލަހުން ކޮޅަށް ތެދުވިއެވެ. އެއާއެކު ހިނިތުންވެލައިގެންހުރި ޒީވާ ފިޔަވައި އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ރިއާންއަށް ބަލައިލަނީ ފެންނަ މަންޒަރު ގަބޫލު ނުކުރެވޭ ފަދައިންނެވެ.
"އަހަރެން އޭރުވެސް ބުނީމެއްނު މި ހޮސްޕިޓަލުން އަހަރެން ނެރޭއިރު ގޮނޑިއެއްގަ ނެރުމަކީ ވާނެ ކަމެއް ނޫނޭ" ރިއާން އޭނާގެ ގާތުގައި ހުރި ރާހިލްއަށް ހިނިތުންވެލިއެވެ. އެއީ އެތަނުގައި އޭނާ އެޑްމިޓް ކުރެވުނު ފުރަތަމަ ދުވަހު އޭނާ ރާހިލްގާތު ބުނި ބުނުމެކެވެ. ރާހިލް އުފަލުންގޮސް ހެމުން ހެމުން ރިއާންގެ ގައިގައި ބައްދައިލިއެވެ. އެވަގުތު ރިއާން އަރި އަޅައިލިއެވެ.
"އޭ އޭ މަޑުކޮށްބަލަ. އަދި ދުއްވައިގަނެވޭ ވަރެއް ނުވޭ އެނގޭ" ރިއާން ހަށިގަނޑު ސީދާ ކޮށްލަމުން ބުންޏެވެ.
ދުރުގައި ހުރި ޒީވާ ލަސްފިޔަވަޅު ތަކެއްގައި އައިސް ރިއާންގެ ދެ އަތުގެ އުޅަނބޮށްޓާ ހިސާބުން ދެ އަސާ ލައްވައިދިނެވެ. ރިއާން ޝުކުރުވެރި ކަމާއެކު ޒީވާއަށް ބަލައިލިއެވެ. އޭނާގެ ހާލަތު އެހާ ބޮޑަށް ކުރިއަރައި ދިޔައީ ޒީވާގެ މިންނެތް މަސައްކަތުންނެވެ. ހޮސްޕިޓަލުގައި ހޭދަ ކުރެވުނު ދުވަސްތަކުގައި އޭނާއަށް ކަސްރަތުކުރުމާއި އެހެނިހެން ކަންކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ޒީވާގެ ފަރާތުންނެވެ.
ރިއާން ދެއަތުގައި އޮތް އަސާގެ އެހީގައި ހިނގައިފައި ނުކުންނަން ދިޔައިރު ރާހިލް އޭނާއާ އެއްވަރަކަށް ހިނގައިފައި އައެވެ. ކޮޓަރީގެ ދޮރާ އަރައި ހަމަވިތަނާހެން ބޭރުން އައި މީހަކު އެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ޝީރީނެވެ. ޝީރީނަށް ރިއާން ފެނުމާއެކު ހިނދުކޮޅަކަށް މީހާ ހުއްޓުން އެރިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާ ފަސްއެނބުރި ރިޔާޒަށް ބަލައިލުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ.
ރިއާންއަށް ރިޔާޒް ފެންނަވަރުވީ އަދި ކިރިޔާއެވެ. އެއާއެކު ރިއާންގެ މެއަށް ފިނިވެގެންދިޔައެވެ. ޝީރީންއަށްވެސް ރިއާންފެނި އެހާބޮޑަށް ސިހުނީ ކީއްވެކަން އޭނާއަށް ސާފުވިއެވެ. ކުރިމަތީގައި ފެންނަންހުރި ރިޔާޒްވެސް ކޮޅަށް ހުރީ ދެ އުޅަނބޮށި ދަށަށް ލައްވައިލައިފައިވާ ދެ އަސާގެ އެހީގައެވެ. ރިއާން ލައިފައިވާ ހުދު ޓީޝާޓުގެ ބަދަލުގައި ރިޔާޒުވެސް އިއްތިފާގަކުން ލައިފައިވަނީ ހުދު ގަމީހެކެވެ. ދެމީހުންގެ ބުރުސޫރައާއި ސިފަތައްވެސް އެއްގޮތަވެފައި އިސްކޮޅުގައިވެސް މާބޮޑު ތަފާތެއް ނެތެވެ. ރިއާންގެ ސޫރައަކީ ރިޔާޒްގެ ޒުވާންއުމުރުގެ ތަސްވީރެއް ކަހަލައެވެ. އެހެންކަމުން ރިއާންއަށް ހީވީ މީހަކު އޭނާގެ ކަންކަށީމަތީގައި ބާރުގަދަ އެތިފަހަރަކުން ޖެހި ހެނެވެ. ތަގުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. ރިޔާޒަށް އެހާލު ޖެއްސި މީހަކީ އޭނާއެވެ. މިއަދު ވަގުތީގޮތުން ނަމަވެސް އޭނާއަށްވެސް މި ވަނީ ރިޔާޒްފަދަ ނުކުޅެދޭ ހާލެއް ޖެހިފައެވެ. ރިއާންއަށް ދިމާވެފައިވާ ހާލަތުން ސަލާމަތްވާން އޭނާ ކޮންމެހެންވެސް އަޒުމް ކަނޑައެޅި ވަގުތަކީ އެއީއެވެ.
ލިބުނު ސިހުމުން މިންޖުވާން މަސައްކަތް ކުރަމުން ރިއާން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ރިޔާޒަށް ދިމާވި ކޮންމެ ކަމަކީ ރިޔާޒްކުރި ކުށްތަކުގެ ހައްގު ސަޒާއެވެ. ޒަރާނާއަށް ދިން ކޮންމެ އަނިޔާއެއްގެ ބަދަލެވެ. ރިއާންއަށްވެސް މިހެން ދިމާވީ ޒީވާއާމެދު ކަންތައް ކުރެވުނުގޮތުގެ ސަޒާއެއްގެ ގޮތުގައިކަން ރިއާންއަށް ގަބޫލުކުރެވުނެވެ.
ރިއާންއާއި ޒީވާ އަދި ރާހިލް ކާރުގައި ނައްޓައިލުމާއެކު ރިޔާޒުގެ ދެމަފިރިންނާއި ނާޝިދުގެ ދެމަފިރިންވެސް އެތަނުގައި މާގިނައިރަކު މަޑުކުރާކަށް ނޫޅުނެވެ. އެމީހުން އެކުގައި މެންދުރުގެ ކެއުމަށް އިންސާފުކުރަން ކޮންމެވެސް ތަނަކަށް ދާން ނިންމިއެވެ. ހޮސްޕިޓަލުގެ ގޯތި ތެރޭގައި ބާކީތިބި ޝައިނާއާއި ޝިމާން އަދި އެލީޝާގެ އިތުރުން ނީމްއާއި މޯޑެވެ.
"ސިސް.. ކޮންކަމެއްތަ އޮތީ؟ ހިނގާބަ އަހަރުމެންވެސް ކޮންމެވެސް ތާކަށް ޖައްސާލަން. ދޯ މާނޫ؟" ދުރުގައި ހުރި އިޝްވާ ދުވެފައި އައިސް ޝިމާންއާއި ޝައިނާގެ ކޮނޑުގައި އެލިގަތެވެ.
"އިޝްކޯ.. ހިނގާބަ ގެއަށް. އަހަރެން ވަރަށް ވަރުބަލި" އެލީޝާއަށް އެ އަޑު އިވުމާއެކު މާޔޫސްވެފައި ބުންޏެވެ. އޭނާ އެއްވެސް ހާލެއްގައި އިޝްވާމެން ރާވައިފައި އޮތް ކަމެއްގެ ހުރަހަކަށް ވާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ކަމަށްވުމާއެކު އޭނާގެ ހަށިގަނޑަށް ލޮޑުކަން އިހުސާސްވަނީ އިންތިހާއަށެވެ.
"ޕިސްޕިސް. ކަންތަކާ ޖެހުނީ.. ހަމަތެދެއް ވަރެއްގެ މީހަކާ ދޮންބެ އިނދެފަ މިހިރީ. ކަންނެތްކަމުން ހައްދު ފަހަނައަޅާފަ. އަބަދު ވަރުބަލިވަނީއޭ ނޫން އެއްޗެކޭ އޭނަ ދުލަކުން ނުކިޔާނެ. އެހެނެއްނު ވާނީ.. މަންމަ އުޅެނީ އޭނާ ރާނީއަކަށް ހަދައިގެން ވިއްޔަ"
އިޝްވާ ސިއްރުން ދެއްކި ވާހަކައިގެ ތެރެއިން މޫނަށް ޖައްސައިލި ކުލަވަރު ފެނި ޝައިނާގެ ގާތަށް ހިނިއައެވެ. ނަމަވެސް އޭނާއަށް އިޝްވާ ދެއްކި ވާހަކަތަކާމެދު ހިތްހަމަ ނުޖެހުނެވެ. އެލީޝާ އިން ހާލަތު ނޭނގުނު ކަމުގައިވިޔަސް އިޝްވާ އެފަދަ ގޮތަކަށް ބަސްމަގު ބަހައްޓައިގެން ނުވާނެކަން ޝައިނާއަށް ގަބޫލު ކުރެވުނެވެ. އެކަމާ ޖަދަލުކޮށް ޝައިނާދޭ ނަސޭހަތެއްވެސް އިޝްވާ ގަބޫލު ނުކުރާނެކަން ޝައިނާއަށް އެނގުނެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އިޝްވާ އެލީޝާދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
"އިޝްކޯ" އިޝްވާ ނައިސް ލަސްވާން ފެށުމުން އެލީޝާ ގޮވައިލިއެވެ.
"އާން މި ދަނީއޭ މަޑުކޮށްބަލަ. ސިސް ދަނީ އިނގޭ.. މާނު.. އަހަރެން އެލީ ގެއަށް ލާފަ ރެޑީ ވާނަން އެނގޭ. ހިނގާބަ ކޮންމެސް ތާކަށް ގޮސްލަން ޕްލީޒް. މިއަދު އިޝީ ވަރަށް ފޫއްސޭ" ޝިމާންގެ އަތުގައި އެލިގަންނަމުން އިޝްވާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ދެން އެހެން ދުވަހަކުން ދޯ.. މިދަނީ ސިސް ގެއަށްލާން. ބޭބް ކުރިން ނުބުނީމަ ރައްޓެއްސެއް ކައިރީގަވެސް ބުނެވިފަ އޮތީ މިއަދު ދިމާކޮށްލާނަމޭ.. މާދަން ރަނގަޅެއްނު؟" ޝިމާންގެ ހުށަހެޅުން އިޝްވާ ގަބޫލު ކުރިއެވެ. ނަމަވެސް އެމޫނުމަތީގާއި ކުރިން ހުރި އުޖާލާކަން މިލައިގެން ދިޔަތަން ޝައިނާއަށްވެސް ފެނުނެވެ. އިޝްވާ ދަންދެން އެއްޗެކޭ ނުބުނެ މަޑުން ހުރުމަށްފަހު އޭނާ އެވާހަކަ ފެށިއެވެ.
"މީ ގެއާ މާ ދުރެއްވެސް ނޫން. އަހަރެންނަށް ހިނގާލާފަވެސް ދެވުނީސް.. އިޝްކޮއާ އެއްކޮށް ގޮސްލިނަމަ. ޝިމާން މިހާރު ކިހިނެއްތަ ތި އުޅެނީ؟ ފޯނު ނުނަގާތީ އިޝްކޮ އަހަރެންނަށްވެސް އެހާ މެސެޖު ކުރޭ. އުޅެން ބޭނުން ނެތަސް ތިހެން އަބަދު ހިތް ތަޅުވާފަ ބަހައްޓަން ހެޔޮނުވާނެ" ޝައިނާ ހިތްހަމަނުޖެހިފައިހުރި ރާގެއްގައި ބުންޏެވެ. ޝިމާން އިހްތިޔާރު ކުރީ ހިމޭންކަމެވެ.
"ތިއީ ކަމުދާ ގޮތެއްނޫން. ޝިމާން ތި އުޅޭގޮތް އަހަރެންނަށް އެއްގޮތަކަށްވެސް ބަލައެއްނުގަނެ-"
"ބާއި ގާއިޒް. ދަނީ އެނގޭ" ޝައިނާގެ ވާހަކަ މެދުކެނޑުނީ އެމީހުން ގާތަށް އައިސް ހުއްޓިލި ނީމް ހަނާ އަޅައިލުމަށްފަހު އެތަނުން ދާން ހިނގައިގަތުމުންނެވެ.
"ނީމް އެކަނިތަ؟ ސައިކަލު ކޮބާ؟" ޝައިނާ އެސުވާލު ކުރީ ނީމްއާއެކު އެތަނަށް އައި މޯޑު ފެންނަން ނެތީތީއެވެ. ނީމްގެ ސައިކަލުގައި އޭނާ ގެއަށް ގެންގޮސްދޭނެ ކަމުގެ އުއްމީދާވެސް އެކުގައެވެ. އޭރުން އޭނާއަށް ޝިމާން އިޝްވާގާތަށް ފޮނުވައިލެވޭނެ ކަމަށް އޭނާ ބެލިއެވެ. ނަމަވެސް ދެން އެދެމެދުގައި ކަންތައް ހިނގައިދިޔަ ގޮތުން ޝައިނާއަށް ހުރީ އެސުވާލު ކުރެވުނު މޮޔަ ހިތަށް އަރައިފައެވެ.
"ހްމްމް އެކަނި ހިނގާލާފަ ދާނީ.. މޯޑު ކުޑަކަމަކާ ބިޒީވެގެން ދެންމެ ވަރަށް އަވަހަށް އެ ދިޔައީ. ނީމްވެސް އޭރު މޯޑު އެކަނި އައިމަ މޯޑުއާ އެއްކޮށް އެ ސައިކަލުގަ އައީ" ނީމް ހިނިތުންވެލައިފައި ބުންޏެވެ.
"އަހަރެން މި އުޅެނީ ސައިކަލުގަ. ގެންގޮސްދެންތަ؟ އަހަރުމެންގެ ގެ މިތަނާ ފުދޭވަރަކަށް ކައިރިއެއްނު؟ ސިސް އެކަނި ހިނގާލާފަވެސް ދެވޭނެ ދޯ ސިސް. ނީމް ދަނީ މާ ދުރަކަށްނު؟" ޝިމާންގެ ވާހަކަ ހުރިގޮތުން ޝައިނާއަށް ހުރީ ވިސްނާނެ ގޮތެއްވެސް ނޭނގިފައެވެ.
"އޯކޭ.. އަހަރެންވެސް އަސްލު ވަރަށް ފޫހިވޭ ހިނގާފަ ދާން" ނީމް އުފަލުން އެއްބަސްވިއެވެ.
ޝައިނާއަށް އެކަމާ އިތުރު ބަހެއް ނުބުނެވެންދެން ޝިމާން ނީމާއެކު އެތަނުން ހިނގައްޖެއެވެ. އެހިނދު ޝައިނާ އިޝްވާއާމެދު ކަންބޮޑުވިއެވެ. އެދުވަހު ނީމްއާއެކު ގެއަށް ދެވުނީތީ އެކަމާމެދު އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އެހެންކަމުން ޝިމާން އޭނާގެ ބަސް ގަބޫލު ނުކުރާނަމަ ނީމްއާ ވާހަކަދައްކައިގެން ވިޔަސް އަންނަންއުޅޭ ކޮޅިގަނޑުން އިޝްވާ ސަލާމަތް ކުރަން ހިތުއަޅައިގެންހުރެ އޭނާވެސް ގެއަށް ހިނގައިގަތެވެ.
**************
ހޮސްޕިޓަލުން ގެނައި ބޭހާއި އެހެނިހެން ސާމާނު ގޭތެރެއަށް ވައްދައި އެ އެއްޗެހި ހަމައަކަށް އެޅުވުމުގައި ޒީވާއަށް އެހީތެރިވެ އުޅުމަށްފަހު ރިއާންއާ ވާހަކަ ދައްކާލަން ސިޓިންގްރޫމްގައި އިން ރާހިލް އެގެއިން ނުކުތީ އެދުވަހުގެ އިރުއޮއްސުމާ ގާތްވެފައި ވަނިކޮށެވެ. އެއާއެކު ރިއާންވެސް އެތަނުގައި މަޑު ކުރުމުގެ ހިޔާލެއް ނުގެންގުޅުނެވެ. ކޮޓަރިއަށް ދާން ބޭނުންވާތީއާއެކު ސޯފާގެ އަރިމަތީގައި ބަހައްޓައިފައިހުރި އަސާ ނެގުމަށްފަހު އޭގެ އެހީގައި ގޮނޑިން ތެދުވަން މަސައްކަތް ކުރިއެވެ. ރިއާންއަށް އެކަމުގައި އުނދަގޫވެގެން އުޅޭތަން ފެނި ދުރުގައި ހުރި ޒީވާ އައިސް އަވަހަށް ރިއާން ތެދުވާން އެހީވެދިނެވެ. އަދި ރިއާން ކޮޓަރިއަށް ގެންގޮސްދިނުމުގައި އެހީވިއެވެ.
"މި ދޮންބެ މީ ހާދަ އަނގަގަދަ މީހެކޭ ދޯ. ޕިސްޕިސް. ވާހަކަ ހުސްނުވޭ. ރަނގަޅު ރިއާންގެ ރައްޓެއްސަކަށް އެކަހަލަ މީހަކު ހުންނަކަންވެސް. ތިއީ އަނގައިން ބުނާ މީހެއްނޫނެއްނު. ކޮންމެވެސް އެކަކު ޖެހޭނެތާ ދެމީހުންނަށް ވާވަރަށް ވާހަކަ ދައްކަން" ރިއާންގެ ގައިގައި ހިފަހައްޓައިލައިގެން ހުރެ މަޑުމަޑުން ހިނގަމުން ދިޔައެވެ.
"އަދި ރިއާންވެސް އެ ހުރިހާ އެއްޗެއް އަޑުއަހަން އެތާ އިނީނު. އޮށޯވެލަންވެސް ހިތަށް ނާރާދޯ؟ ވަރުބައްޔެއްވެސް ނުވޭދޯ؟" ޒީވާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެހާ ގިނަދުވަސްފަހުން އެގޮތަށް އައިސް އިންދާ ފޮނުވާލަން ކެރޭތަ؟ އެހެންނޫނަސް އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ ރާހިލް އަހަރެންނަށް.. މިބުނީ އެރެއަށްފަހު.. މާފު.." ރިއާންއަށް އެވާހަކަ ޒީވާގާތު ދައްކަންވެސް އުނދަގޫވިއެވެ. ހަގީގަތުގައިވެސް އޭނާ ހީކުރީ ރާހިލްއާއި އޭނާއާ ދެމީހުން އަރާރުންވި ރެއަކީ އެދެމީހުންގެ ރަހްމަތްތެރިކަމުގައި ސިއްކަޖެހޭނެ ރޭކަމުގައެވެ. އެކަން އެގޮތަށް ނުވީތީ އޭނާ ހިތާހިތުން ހަމްދުކުރިއެވެ.
"އަހަރެންނަށް އެނގޭ ދޮންބެ ރިއާންއަށް މާފު ކުރާނެކަން. ވަކި ރިއާންއަށްވުރެ ބޮޑަށް ދޮންބެގެ ލައިފް އަންޑަރސްޓޭންޑް ވާނެ މީހަކަށް ހުރީ ކާކު. ކިހާ އެއްގޮތް ކަންތައްތަކެއް ދޮންބެއަށްވެސް ބައްޕަގެ ފަރާތުން ފެނުނީ. ތަފާތަކީ އަހަރެންގެ މަންމައާ ބައްޕަގެ ކައިވެނި އަވަހަށް ރޫޅުނުކަން. ރިއާންގެ މަންމައާއި ބައްޕަގެ ކައިވެނި ދެމި އޮތީތީ ރިއާންއަށް އެހާ ގިނަދުވަސް ވަންދެން އެ މަންޒަރުތައް ފެނުނީ.." ޒީވާ ވާހަކަދައްކަމުން ދިޔަވަރަކަށް ރިއާންގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރު އަރަމުންދިޔައެވެ. ޒީވާއަށް މި ހުރިހާ ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟
"ޝީރީން މަންމަ ކިޔާދިނީ" ރިއާންގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ޒީވާ ބުންޏެވެ. ރިއާން ބޯ ޖަހައިލިއެވެ.
"ފުރަތަމަ ފާހަނައަށް.." ޒީވާ އެނދާ ދިމާލަށް ފިޔަވަޅު ބަހައްޓައިފައި ހުރުމުން ރިއާން ބުންޏެވެ.
"އޯހް. ސޮރީ" ޒީވާ ރިއާން ގޮވައިގެން ފާހަނައާ ދިމާލަށް ހިނގައިގަތެވެ. ރިއާންއާއެކު އޭނާ ފާހަނައިގެ ތެރެއަށް ފުރަތަމަ ފިޔަވަޅު އެޅުމާއެކު ރިއާން އެއްމިޔަކަނިން ހިނިތުންވެލަމުން ޒީވާއަށް ބަލައިލިއެވެ.
"ފާހަނައަށްވެސް ވަންނާނީތަ؟" ރިއާން ފާޑަކަށް ހެވިފައިހުރެ އަހައިލިއެވެ.
"ސޮރީ ސޮރީ..އަހަރެން ބޭރުގަ މަޑުކޮށްލާނަން" ޒީވާ ތެޅިގެންފައި ރިއާންއާ ދުރުވެލިއެވެ. ޒީވާގެ ހަރަކާތްތައް ހުރިގޮތުން މަޖާވެފައިހުރެ ރިއާން ހެމުން ހެމުން ފާހަނައަށްވަނެވެ.
ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ޒީވާ ފެންވަރައިލައިގެން އައިސް ކޮޓަރިއަށް ވަތްއިރު ރިއާން އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ލެޕްޓޮޕުން މަސައްކަތެއް ކުރަން އިނެވެ. އޭނާ އެމަސައްކަތަށް ގެއްލިފައި އިން ވަރުން އިތުރު މީހަކު އެތަނަށް ވަތްކަންވެސް ނޭނގޭ ކަހަލައެވެ. ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ. ގެއަށް އައިސް ރަނގަަޅަށް ނޭވާ ނުލެވެންދެންވެސް މީނާ އޮފީހުގެ މަސައްކަތް ފެށީހެއްޔެވެ؟
ރިއާންގެ ސަމާލުކަން ހޯދުމަށްޓަކައި ޒީވާ ތަންކޮޅެއް ބާރަށް ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އެއާއެކު އޭނާ އުއްމީދު ކުރި ފަދައިން ރިއާން އިސްއުފުލައި ބަލައިލިއެވެ.
ކޮޓަރީގެ ދޮރު މާ ބާރަށް ލެއްޕުނު އަޑަށް ރިއާން އެދިމާލަށް ބަލައިލިއިރު އެތަނުގައިހުރި ޒީވާ ފެނި ރިއާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހުދުކުލައިގެ ކަކުލާއި ހިސާބަށްހުރި ސެޓިން ނިދާ ހެދުމެއްގައިހުރި ޒީވާގެ ތެތް އިސްތަށިގަނޑު މޫނުގައި ތަތްލާފައިވާއިރު އެ މޫނުމަތިން ތާޒާކަމުގެ އަސަރު ފެންނަންހުއްޓެވެ. ހެދުމުގެ ބޭރުން ހަމަ އެކުލައިގެ ކަކުލާ ހިސާބަށްހުރި ސެޓިން ޖެކެޓެއް ލައިފައި ހުރިއިރު ޒީވާގެ ވަނާތައް ފޮރުވުމަށްޓަކައި އެ ޖެކެޓުގެ މާބޮޑު ބޭނުމެއް ހުރިހެނެއް ހިއެއްނުވެއެވެ. އެކަމުގެ ސަބަބުން ރިއާންއަށް ކުރުވީ ކޮންކަހަލަ އިހުސާސްތަކެެއް ކަމެއް ނޭނގުނެވެ. އޭސީގެ ފިނިކަމުގެ ތެރޭގައިވެސް އޭނާގެ މުޅި ހަށިގަނޑަށް އުދާސް ހޫނެއް ފެތުރިގެންފިއެވެ. ހިކެމުންދިޔަ އަރުތެރެ ތެންމައިލުމަށްޓަކައި ހިންދިރުވައިލެވުނެވެ. އެއީ ޒީވާ އެކަހަލަ ހެދުމެއްގައި ފެނުނު ފުރަތަމަ ފަހަރު ކަމަށްވުމާއެކު އޭނާގެ ނަޒަރު ޒީވާއާ ވަކިކޮށްލާކަށް ކުޅަދާނައެއްނުވިއެވެ. ކަޅިޖަހައިނުލައި ޒީވާގެ ރީތިކަމަށް ގެއްލިފައި ހުރެވުނެވެ. ހޮސްޕިޓަލުގައި ހޭދަވި ރެއެއްގައިވެސް ޒީވާ އެކަހަލަ ނިދާ ހެދުމެއް ލީ ހަނދާނެއް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.
ޒީވާ އެ ދެކޮލުގައިވާ އަޑިކޮޅަށް އެނގުންވެލާފަދަ ހިތްގައިމު ހިނިތުންވުމެއް ރިއާންއަށް ހަދިޔާކޮށްލިއެވެ. އަދި ލަސްހިނގުމެއްގައި އައިސް ރިއާންގެ ގާތަށް މަޑުކޮށްލިއެވެ. އެވަގުތު ޒީވާގެ ގައިން ދުވި ހިތްގައިމު ލުއިލުއި ވަހުން މާހައުލުގައި ހުވަނދުލެވިގެންދިޔައެވެ. ރިއާންގެ ނޭފަތުގައި އެވަސް ޖެހުމާއެކު އެތެރެއަށް ބޮޑު ނޭވާއެއް ދަމައިލަމުން ލޯ މަރައިލެވުނެވެ. ޒީވާ ކަންބޮޑުވެފައި ރިއާންގެ ކޮނޑުގައި އަތްޖައްސައިލިއެވެ.
"ރިއާން؟ އޯކޭތަ؟" ޒީވާގެ ސުވާލަށް ބޯ ޖަހައިލަމުން ރިއާން އަވަސްއަވަހަށް ލޯ ހުޅުވައިލިއެވެ. ޒީވާއަށްވެސް އޭނާގެ ހަރަކާތްތަކަށް އައި ބަދަލު ފާހަގަކުރެވުނީތާއެވެ. ނަމަވެސް އެ ހަރަކާތްތަކުގައި އޭނާގެ އެއްވެސް ބާރެއްނެތެވެ. އެކަން ޒީވާއަށް ސިއްރުކޮށް އޮޅުވައިލެވޭކަށްވެސް ނެތެވެ. ރިއާންގެ ސިއްހީ ހާލަތު ރަނގަޅުވަންދެން ރިއާންއަށް އެހީތެރިކަން ދިނުމަށްޓަކައި ފަސޭހައެއްގެ ގޮތުން ޒީވާވެސް މިހާރު އުޅެނީ އެކޮޓަރީގައެވެ. އޭނާއަށް ކުޑަވެސް ބަދަލެއް އަންނަނަމަ އެކަން ފާހަގަވާނެ ފުރަތަމަ މީހަކީ ޒީވާއެވެ.
"ޑޮކްޓަރ ގެއަށްއައިސްފަ ރެސްޓް ކުރަން ބުނީމަވެސް ރިއާން ހަމަ މަސައްކަތް ފެށީދޯ؟" ރިއާން އޮތް އެނދުން ނެގި ބާލީހެއް ހިފައިގެންގޮސާ ޒީވާ އެ އެނދާއި ދެތިން ފޫޓު ދުރުގައިހުރި ޗެއިންސްލޯންޖް ސޯފާގައި އިށީނެވެ. ރިއާންގެ ފަރާތުން އިވުނީ މަޑު ހީނލުމެއްގެ އަޑެވެ.
"އަހަރެމެން ކަހަލަ މީހުނަށް ހަމަޖެހިލައިގެން ނިދާލެވޭނީވެސް އޮފީހުގެ ހަބަރެއް ބަލާލެވުނީމަ. ޒީވްމެންނަކަށް ނޭނގޭނެ" ރިއާން ލެޕްޓޮޕް ބަހައްޓައިލިއެވެ.
"ހްްމްމް. އަހަރެންނަކަށް ނޭނގޭނެ. ރިއާން ބޭސް ކައިފިންތަ؟" ޒީވާ އެތަނަށް ގެނައި ލޯޝަންފުޅިން އޭނާގެ ހާމައަށް އޮތް ދެފައިގައި ލޯޝަން ލާން ފެށިއެވެ. ރިއާންއަށް އެމަންޒަރު ބަލަން އިނދެވުނީ ޒީވާ އެހި ސުވާލުވެސް އަޑު ނީވިފައެވެ.
"ރިއާން.." ރިއާންގެ ފަރާތުން ޖަވާބެއްނުލިބި ގިނައިރު ވާން ފެށުމުން ޒީވާ ގޮވައިލިއެވެ. އޭރުވެސް އޭނާއަކަށް ރިއާން އިނީ އެދިމާލަށް ބަލަން ކަމެއް ނޭނގެއެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ އަމިއްލަ ފައިގައި ލޯޝަން ލުމަށެވެ.
"ޒި..ޒީވް ބޭނުމިއްޔާ އެނދުގަ އޮތަސް މައްސަލައެއްނެތް.. ޒީވް އޮތަކަސް އަހަރެންނަކަށް އުނދަގުލެއް ނުވާނެ" ރިއާން ބުނެލިއެވެ. އެއާއެކު ދެމީހުންނަށްވެސް ސިހިފައި އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނީ މާ ދުރުނޫން ހަނދާނެއް ސިކުނޑީގެ ކަނެއްގައި ކޮއްޓައިލުމުންނެވެ. ކޮޅިގަނޑެއްގެ ވިއްސާރައާހުރެ ޒީވާ ހުޅުމާލޭގައި ތާށިވި ރޭ ރިއާންއާއެކު އެގޭގައި ހޭދަވި ވަގުތުތަކުގެ ހަނދާނެވެ.
"އަހަރެންނަށް އެނގޭ މީ ވަރަށް ވިއަޑް ސިޗުއޭޝަނެއްކަން. ވަކިން ހާއްސަކޮށް ރިއާން ފުރަން އޮތްރޭ ވީ ކަންތައްގަނޑަށްފަހު އެކަމަކު ރިއާން ވާހަކަ ނުދައްކަންޏާ ހައްތާ ވިއަޑްވާނި. މިހާރު އަހަރުމެންވެސް ބަދަލުވެއްޖެ. ފީލިންގްސް ވެސް ބަދަލްވެއްޖެ. ރިއާން އެނދުގަ އޮތަކަސް އަހަންނަށް އުނދަގުލެއް ނުވާ–"
"ޝްޝްޝް. ގޯ ޓު ސްލީޕް" ރިއާން ޒީވާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން ވާހަކަ މެދުކަނޑައިލިއެވެ.
އެރޭގެ ހަނދާންތައް އާވުމާއެކު ޒީވާގެ މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. އެރޭ ރިއާންގެ ތޫނުދެލޯ އޭނާއަށް އަމާޒުވެފައިހުރި ގޮތް ހިތައްއެރުމާއެކު ހިތް ބާރަށް ތެޅިލިއެވެ. އެ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ޒީވާ އަވަސްއަވަަހަށް ވާހަކަ ދެއްކިއެވެ.
"އެކަމަކު ކުރިން ރިއާން ބުނީ ތިހެނެއް ނޫނެއްނު؟" ރިއާންއަށް ޒީވާ އެބުނި އެއްޗެއްގެ މާނަ ވިސްނޭނެކަން ޔަގީންކުރަމުން ޒީވާ ބުންޏެވެ. ރިއާން އެކަމަށް ވަކި ރައްދެއް ދޭކަށް ނޫޅުނެވެ. އެދެމެދަށް ވެރިވެގެންދިޔަ އާދަޔާހިލާފު ހިމޭންކަމުގެ ތެރެއިން ރިއާން ސޯފާގައި އިން ޒީވާއަށް ފުރަގަސްދެމުން އެނދުގެ އެއްއަރިއަކަށް ދެފައި ބާލައިގެން އިށީނެވެ. އަދި އޭނާ ލައިގެންއިން ޓީޝާޓު ބާލައި އެނދުމަތީގައި ބާއްވައިލުމަށްފަހު އެނދުގެ އަރިމަތީގައިހުރި ކުޑަ ކަބަޑުމަތިން އޭސީގެ ރިމޯޓު ނަގައި ކުރިން އަށާރައިގައިހުރި އޭސީ ސޯޅައަށް ބަދަލުކޮށްލިއެވެ.
"ކިހާ ދެރަކަމެއް؟ ކޮން ހޫނެއްތަ މިވަނީ؟ ޔަގީނޭ މިއީ މި ކާ ބޭސްތަކުން ބޭހެއްގެ ކަމެއްކަން" ރިއާން ހިތާހިތުން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހެން އިނދެފައި އިސްޖަހައިލީ ބޭސްހުރި ޓްރޭއެއް ހިފައިގެން އޭނާގެ ގާތަށް ޒީވާ އައުމުންނެވެ.
"ޑްރެސިންގް ޗޭންޖްކޮށްލަން" ރިއާން ބޯ ޖަހައިލުމާއެކު ޒީވާ އޭނާ ގެނައި ޓްރޭއާއެކު އެނދަށް އަރައި ރިއާންގެ ފަހަތުގައި އިށީނެވެ. ރިއާންގެ ބުރަކަށީގެ އެކި ހިސާބުތަކުގައި އަޅައިފައިވާ ބޭސްގަނޑުތައް ނެއްޓުމަށްޓަކައި ޒީވާގެ ފިނިއަތްތިލަ ބީހިލާ ކޮންމެ ފަހަރަކު ރިއާންއަށް ނޭވާ ހިފަހަައްޓައިލެވެއެވެ. ނަމަވެސް ޒީވާގެ މަސައްކަތް ނިމެންދެން އޭނާ ހިތްވަރުކޮށްލައިގެން އިނެވެ. ބުރަކަށީގެ ބޭސްގަނޑު ބަދަލުކުރުމަށްފަހު އެނދުން ފައިބައިގެން އައިސް ދެން ޒީވާ ހުއްޓުނީ ރިއާންގެ ކުރިމައްޗަށެވެ. އަދި ރިއާން ނިއްކުރީގައި އަޅައިފައިވާ ބޭސްގަނޑުވެސް ބަދަލުކުރަން ފެށިއެވެ.
"ބޯ އަނބުރާތަ؟" ޒީވާ ބޭސްގަނޑު މޮހެލުމަށްފަހު އާ ބޭސްގަނޑެއް އަޅައިދެމުން އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހޫރައިލިއެވެ.
"މައްޗަށް" ޒީވާ ރިއާންގެ މޫނުގައި ހިފައި އިސްއުފުލައިލީ ރިއާންގެ ނިއްކުރިއަށް ރަނގަޅަށް ބަލައިލުމަށެވެ. އެނދުގައި އިށީނދެ އިނުމުން ރިއާންގެ މޫނުހުރީ މިހާރުވެސް ޒީވާގެ ދަތްދޮޅިއާ އެއްހަމައެއްގައެވެ. އެވަރުން އަދި އިސްޖަހައިގެން އިންނަނަމަ ޒީވާއަށް ކިހާ އުނދަގޫވާނެކަން ރިއާންއަށް ނުވިސްނެނީ ހެއްޔެވެ؟ ނަމަވެސް ރިއާން އިސްއުފުލައިލުމާއެކު އެދެމީހުންގެ ހަތަރުކަޅި ހަމަވެ ޒީވާގެ ހަރަކާތްތައް ގަނޑުވިއެވެ. އޭރު ރިއާންގެ މޫނުވަނީ ޒީވާގެ މޫނާ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ.
ޒީވާގެ ހަރަކާތްތައް ލަސްވިއެވެ. ރިއާންގެ ނިއްކުރީގައި ހިފަހައްޓައިލައިގެންހުރި ޒީވާގެ އަތް އޭގެ އިހްތިޔާރުން ބޭރުގައި ރިއާންގެ ކޯތާފަތުން ފެށިގެން ތިރިއަށް ދަތުރުކުރިއެވެ. މަޑުމަޑުން ޒީވާގެ ހިމަހޯލި އިނގިލިތައް ރިއާންގެ ތުންފަތުގައި ބީއްސައިލެވުނެވެ. ދެން އޭނާގެ ހިތަށް އެރީ ކީކޭކަމެއް ނޭނގެއެވެ. އިރުކޮޅަކު ހަރަކާތެއް ގެންނަން ނޭނގިފައި ހުރުމަށްފަހު ރިއާންގެ މޫނާއި އިތުރަށް ކައިރިވެލަމުން ރިއާންގެ ތުންފަތުގައި ބޮސްދިނެވެ. ޒީވާގެ އަމަލުތައް މަނާކުރުމުގެ ގަސްދެއް ރިއާންގެވެސް ނެތްކަހަލައެވެ. އޭނާގެ އެއް އަތް ޒީވާގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލުމަށްފަހު އަނެއްއަތުން ޒީވާގެ އުނަގަނޑުގައި ހިފައި އިތުރަށް އޭނާއާ ގާތްކޮށްލިއެވެ. ލަސްލަހުން ކެތްތެރިކަމާއެކު އެވަގުތުކޮޅުގެ ތެރެއަށް ޢަރަގުވެގެންދިޔައެވެ.
މިނެޓެއްހާއިރަށް ދެމިގެންދިޔަ އެ ވަގުތުކޮޅަށްފަހު ދެމީހުން އެކަކުއަނެކަކާ ދުރުވެލިއިރު އެދެމީހުންނަށް ދިޔައީ މާ ނޭވައި ލެވެމުންނެވެ. ހިނދުކޮޅެއްގެ މަޑުޖެހިލުމަށްފަހު ޒީވާ އެކަން ތަކުރާރުކޮށްލުމަށްޓަކައި އަނެއްކާވެސް ރިއާންއާ ގާތްވެލިއެވެ. އެހެނަސް މިފަހަރު ރިއާންގެ ހަރަކާތްތައް ތަފާތެވެ. ޒީވާ ބޭނުންވި ފުރުސަތު ނުދިނުމަށްޓަކައި ރިއާން މޫނު އަނބުރައިލިއެވެ.
ޒީވާއަށް ހީވީ މީހަކު އޭނާގެ މޭގައި އަތްއަޅައި ޗިސްކޮށްލިހެނެވެ. އެ މޭގެ ތެރޭގައިވާ ހިތް ފިއްތައިލިހެނެވެ. ރިއާން އެފަދަ ގޮތަކަށް ކަންތައް ކުރަންވީ ސަބަބެއް އޭނާއަކަށް ހަމަހިލާ ނުވިސްނުނެވެ. ކުރިން ދުވަހަކުވެސް އޭނާ ހިތުގައި ޖެހިފަައިނުވާ މިންވަރަށް ރިއާންގެ އެ ހަރަކާތައެކު އޭނާގެ ހިތުގައި ޖެހުނެވެ. އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް އޭނާގެ ހިތްވަރުގެ މައްޗަށް ގަދަވެގަތުމަށްޓަކައި ހަނގުރާމަފެށިއެވެ. އެ ހަނގުރާމައިގައި އެ ކަރުނަތަކަށް ކާމިޔާބު ލިބިދާނެހެން ހީވާން ފެށުމާއެކު ޒީވާ އެތަނުން ދުރަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް ހުއްޓުނީ އެވަގުތު ރިއާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.
ޒީވާއަށް ކެތްކޮށްލެވުނީ އެހާވަރަށެވެ. ދެތުންފަތް ފޫއަޅުވައިލައި ނުކުތް ޒީވާގެ ގިސްލުމުގެ އަޑު ރިއާންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު ހިންދައިލުމަށްޓަކައި ޒީވާ ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެނެއްކަމަކު އޭނާ ހިފަހައްޓަމުންދިޔަ ކަރުނަތައް އޭނާއަށް ބޭވަފާތެރިވިއެވެ. އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ޒީވާއަށް ހަމަރަނގަޅަށްވެސް ރޮވެން ފެށުނެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ރިއާން އަދިވެސް ގޮތްދޫކުރާ ގޮތަކަށް ނޫން ދޯ މިހުރީ. ޒީވާ ތިގޮތަށް ހުރެބަލަ. ރިއާން ގޮތްދޫކުރަން ޖެހޭނީ ހަމަ. ވަރަށް ރީތި މިބައިވެސް. ވެއިޓިންގ ފޯ ނެކްސްޓް އެޕިސޯޑް.
Koba miadhu ge part…..varah kiyahithun mihuree…avahah upload kohladhee Anyaa pls…
Koba miadhu ge part. Haadha inthizareh kuran mijeheny…. Anyaaa dhen konirakun upload kurany miharu mihury mi story ah eddict vefa 🤣
ސޮރީ ހިރާ.. މިހާރު ވާނީ އަޕްލޯޑް ކުރެވިފަ🤍
ސަލާމް. ކޮބާތޯ މިއަދުގެ ބައި؟