Thursday, 20 June 2024

"ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރޭ"

ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. މާޅޮހުގައި ދިވެހި އަދަބީ ޖަމްޢިއްޔާ ލިޔުންތެރިންގެ ގުޅުމާއި އެރަށު ކައުންސިލް ގުޅިގެން މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާ އޮތީ ރޭ އއ. މާޅޮހު ފުޓުބޯޅަ ސްޓޭޑިއަމްގައެވެ. މި ޖަލްސާގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވީ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އެރުވި ދަޢުވަތެއްގައެވެ.

މި ޖަލްސާގައި ލިޔުންތެރިންގެ ގުޅުމުގެ ރައީސް ނޢޢވ އޮނަރަބަލް ޢައްބާސް އިބްރާހީމާއި އެ ޖަމްޢިއްޔާގެ މެންބަރުންގެ އިތުރުން ދިވެހިބަހުގެ އެކެޑަމީ ގެ ނާއިބު ރައީސާއި ދަޢުވަތު އެރުވިގެން ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި މާޅޮހުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މަދަރުސާ ކުދިން ޖަލްސާއަށް ހާޒިރުވެފައިވެއެވެ.

ޖަލްސާގައި ވަޒީރު ދެއްކެވި ވާހަަކަފުޅުގައި ވިދާޅުވީ ޤައުމަކީ އެއްބަހަކާއި އެއްއާދަކާދަތަކެއް ހިއްސާކުރާ ޖަމާޢަތެއް ކަމަށާއި، އަދި ޤައުމެއްގެ ޖަމާޢީ ޝަޚްޞިއްޔަތަކީ އެހެން ޤައުމުތަކާ ތަފާތުކޮށްދޭ ސިފަތައް ކަމަށް ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި އަދަބިއްޔާތާއި އެހެނިހެން ބަސްބަހުގެ އަދަބިއްޔާތުގައި ޅެމަށް ދެވިފައިވާ މަޤާމުގެ މައްޗަށް ދިރާސީ ނަޒަރަކުން އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޖަލްސާގައި ވަޒީރުގެ އިތުރުން ލިޔުންތެރެިންގެ ގުޅުމުގެ ރައީސް ނޢޢވ އޮނަރަބަލް ޢައްބާސް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ރާވައިހިންގާ އަދަބީ ކަންކަމަށް އަލިއަޅުއްވާލައްވައިފައި ވެއެވެ.

ރޭގެ ޖަލްސާގައި ވަނީ ލިޔުންތެރިންގެ ގުޅުމުގެ "ޅެންވެރިޔާ 2024″ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައެވެ. އެފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ލިޔުންތެރިންގެ ގުޅުމުން އިންތިޒާމުކުރި މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާ ޚާއްޞަ ކޮށްފައިވަނީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އަދިވަކިން ޚާއްޞަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޝާޢިރެއްކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ނަޞީރަށެވެ. އަލްމަރްޙޫމް މުޙައްމަދު ނަޞީރަކީ އއ. މާޅޮހަށް ނިސްބަތްވެވެޑައިގަންނަވާ ބެފުޅެކެވެ. ރޭޖެ ޖަލްސާގައި ވަޒީރު ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ތައްޔާރުކޮށްފައިވާ މުޙައްމަދު ނަޞީރުގެ ޅެން ފޮތްވެސް ނެރެދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު