"ނިޒާމު މިހާރު އޮތީ ރަނގަޅަށް، ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނަން"

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެކަމަށް ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، "ޕީއެސްއެމް" ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މިހާތަނަށް އައިއިރު ބިދޭސީންގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް މަސައްކަތްކުރުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ، ބިދޭސީންގެ ކަންކަމާއި ގުޅުންހުރި އިދާރާތައް އެކި ވުޒާރާތަކުގެ ބެލުމުގެ ދަށުން ހިންގަމުން އައުންކަމަށެވެ.

އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުގައި، ބިދޭސީންނާއި ގުޅޭ މަސައްކަތްތައް ކުރާ ހުރިހާ އިދާރާތަކުގެ މަސައްކަތް މިހާރު ބަލަހައްޓަމުން ދަނީ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިންކަމަށާއި އެހެންކަމުން މި މައްސަލަ ޙައްލުނުވުމަށް ދެއްކޭނެ އުޒުރެއް މިހާރު ނެތްކަމަށެވެ.

ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްތައް މިހާރުވެސް އިސްކަމެއް ދީގެން ފައްޓަވާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކީ އިދާރާތައް ޖަވާބުދާރީ ކުރެވޭނެ މިންވަރަށް ޚިދުމަތްތައް ރަނގަޅުކުރުންކަމަށާއި މިފަދަ ނިޒާމެއް ފަރުމާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިން ވޯކްޕަރމިޓްގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ ދަށުން. އިމިގްރޭޝަން ހިންގީ ޑިފެންސް މިނިސްޓްރީގެ ދަށުން. އަދި ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގައި. ނަމަވެސް މިހާރު މިއޮތީ ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް އެއް ވުޒާރާއެއްގައި." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، މި ނިޒާމުގައި އެންމެ އިސްކަމެއް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއިން އުޅޭކަން ކަށަވަރުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި އަވަސް ފިޔަވަޅުތައް އެޅޭނެ ގޮތް ހަމަޖައްސަމުންދާކަމަށެވެ.

"ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން، ޚާއްސަކޮށް ކުށަކަށް އަރައިގެންފިނަމަ ވަގުތުން ޑީޕޯޓްކުރާނަން. މިހާރުވެސް މިފަދަ އެކި ކަންކަމުގައި 60 ބިދޭސީއަކު ބޭރުކޮށްފިން. މި މީހުންގެ ތެރޭގައި ކުށްކުށަށް އަރައިގެންފައިވާ މީހުން ހިމެނޭ." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *