Thursday, 20 June 2024

ކްރިމިނަލް ކޯޓުގެ އިމާރާތަކީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ތަނެއްނޫން: އުއްތަމަ ފަނޑިޔާރު

ކްރިމިނަލް ކޯޓުގެ އިމާރާތަކީ ބާވެ މީހުން ހާޒިރުކޮށް، ޝަރީއަތްތައް ހިންގާ މަސައްކަތްކުރުމަށް އެކަށީގެންވާ ކޯޓެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޤަޟާއީ އަހަރު 2024 އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއުތަސިމް ވިދާޅުވީ ރާއްޖެއަށް ކުރި ވިއްސާރާއިގައި އެތައް ކޯޓަކަށް ގެއްލުންވެ ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓާއި، ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތާއި، ތަކެއްޗާއި ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ފެމިލީ ކޯޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް އަވަސް ހައްލެއްހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދަންނަވާފައިވާ ކަމަށާއި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށާއި، ކްރިމިނަލް ކޯޓަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން އެ ކޯޓުން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ މައްޗަށް ބިނާކޮށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވުނު ކަމަށްވެސް މުއުތަސިމް ވިދާޅުވިއެވެ.

ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހެޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ކޯޓުގެ ޝަރީއަތްތައް ކޯޓުގެ ހާލަތާއި ގުޅިގެން މަޑުޖެހިފައިވާކަމަށާއި، އަދި އެއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި މިފަދަ ކަންކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި އޭގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިހާރުވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތަށް ނެރުމަށްޓަކައި މީހުން ހާޒިރުކޮށް، ފަނޑިޔާރުން އިށީންދެވަޑައިގަންނަވާނެ ތަނަކާއި، އަދި މުވައްޒަފުން ތިއްބަވާނެ ތަނެއްވެސް ނެތްކަމަށް ފާހަގަކުރައްވައި، މިކަމުގެ ނާތީޖާ އަކީ މާލޭގައި މިވަގުތު ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު