މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މި މަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން ފެށި މި ވޯކްޝޮޕްގައި 5 އަންހެން އޮފިސަރުންނާއި، 3 ފިރިހެން އޮފިސަރުން ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.
ކަރެކްޝަންސްއިން ވިދާޅުވީ، މި ވޯކްޝޮޕަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެކަމަށާއި، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުންކަމަށާއި ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭ ވޯކްޝޮޕްތަކެއްކަމަށްވެސް ކަރެކްޝަންސްއިން ވިދާޅުވެއެވެ.
މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި، ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައި ވަނީ، މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.



