އެކަމަނާ މިހެން ވިދާޅުވީ، އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
އެކަން ރޭ ހާސިލުވުމަކީ އަންހެން ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ހިތްވަރެއް ކަން ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ، މިކަމުގެ މަންފާކުރާނީ ހަމައެކަނި އަންހެން ވިޔަފާރިވެރިންނަކަށް ނޫން ކަމަށާއި، މިއީ އެ އާއިލާތަކަށް ވެސް ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ވެސް ލިބޭ ފަހި މަގަކަށް، ކުރިމަގަކަށް އަދި ފުއްދުންތެރިކަމަކަށް އިތުރުކުރެވޭ އާ މަގަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ފުއްދުންތެރިކަމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި ބައިނަލްއަގްވާމީ ރިސާޗުތަކުން ވެސް ދައްކަނީ އާއިލާއެއްގައި ހުންނަ އަންހެނަކީ ފުއްދުންތެރި މީހަކަށް ވުމުން އެކަމުގެ އުފާވެރިކަން މުޅި އާއިލާއަށް ކުރާ ކަމަށާއި، އަންހެނުން ބާރުވެރިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ފުރުސަތުތަކުގެ ބޭނުން ވީހާ ވެސް ގިނަ އަންހެނުން ހިފުމަށް އެދިވަޑައިގެން އެކަމަނާ ވަނީ ކަނބަލުންނަށް ހިތްވަރުދެއްވާފައެވެ.
ހިޔަލަ މާކެޓް ކުރިއަށް ދާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަހައްދުގަ އެވެ. މި މޭކެޓް ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށް ދާނެއެވެ.