15 ޖަނަވަރީ 2025

ކަނޑާ ގަހަކަށް ދެގަސް އިންދަން މަޖުބޫރު ކުރާ ޤަވާޢިދެއް ސަރުކާރުން އާންމުކޮށްފި

ސިނާއީ މަސައްކަތެއްގެ ބޭނުންތައް ފިޔަވާ އެހެން ކަމަކަށް ދޫކޮށްފައިވާ ރަށްރަށުން ކަނޑާ ގަހަކަށް ދެގަސް އިންދަން މަޖުބޫރު ކުރާ ގަވާއިދެއް ސަރުކާރުން އާންމުކޮށްފިއެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގެ 25 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ، "މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެ ނޫން އެހެން ސަބަބަކަށްޓަކައި ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ، އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ދެ ރުށް އިންދައި ހައްދަންޖެހޭނެ" ކަމަށެވެ.

މި ޤަވާޢިދުގެ ދަށުން ގަސް ނެގުމަށް ފަހު ބަދަލުގައި ގަސް އިންދާނޭ ޖާގަ ރަށުގައި ނެތް ހާލަތެއްގައި އެކަން މިނިސްޓްރީއަށް އެންގުމުން ގަސްއިންދުމުން އެ މީހަކު އިސްތިސްނާ ކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެން ވާއިރު، މި ޤަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރެވޭނީ ތިން ގޮތަކަށެވެ. އެއީ، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު ކައުންސިލަކުން ނުވަތަ ކައުންސިލްތަކަކުން ހުށަހެޅުމުން ބީލަން އުސޫލުން އިއުލާން ކޮށްގެން ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މިފަދައިން ދޫކުރާ ރަށްރަށުގައި އިމާރާތްކުރެވެނީ ބިމުގެ ޖާގައިގެ 10 އިންސައްތައިގައެވެ.

ކައުންސިލްތަކުން އެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށާއި، މި ޤަވާޢިދުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެ ފަޅުރަށެއް ދޫކުރާ ފަރާތަށް، އެއީ ސަރުކާރު ނޫނީ ކައުންސިލު ކަމުގައި ވިޔަސް، ލިބޭ ކަމަށް ޤަވާޢިދުގައި ހިމަނާފައިވެއެވެ.

މިފަދަ ޤަވާޢިދެއް ސަރުކާރުން އާންމުކޮށްފައިވާއިރު މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން އިއުލާނުކުރައްވައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު