އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، "ޕީއެސްއެމް ނިއުސް"ގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ފުއާދު ވިދާޅުވީ އެއް އިންތިޚާބަށްފަހު އަނެއް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރެވޭ ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރުމަށް އެކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަން ފާހަގަކުރައްވަމުން، މާރިޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާ ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރަން ނިންމަވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.
ރައްޔިތުންނަށް އިންތިޚާބުތަކުގައި ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ ކިޔޫގައި މަޑުނުކޮށް ވޯޓުލެވޭނެ ގޮތް އީސީން ހަދައިދޭނެ ކަމަށް ފާހަގަކުރައްވަމުން، އިންތިޚާބުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
އީސީ ހާމަކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ކިޔޫގައި ޖެހޭ ވަގުތު މަދުކުރުމަށް އީސީން ވަނީ ވޯޓުފޮށިތަކުގެ އަދަދު އިތުރު ކުރުމަށްވެސް ނިންމާފައެވެ. އެގޮތުން 600 ވޯޓު ފޮށި ރާއްޖޭގައި ބަހައްޓާއިރު މާލެ ސަރަހައްދުގައި 200 އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. މި އިންތިޚާބުގައި ވޯޓު ފޮށްޓަކަށް ގިނަވެގެން ވޯޓު ލެވޭނީ 600 މީހުންނަށް ކަމަށް ވެސް އީސީން ވަނީ ކަނޑައަޅުއްވާފައެވެ.