Thursday, 25 July 2024

ރާއްޖޭގެ ދެކުނު ކަނޑުން ގެއްލުވާލާފައިވާ ބައި ހޯދައިދިނުމަށް ރައީސް މަސައްކަތްކުރައްވަމުންދާ ކަމަށް ޠާރިޤު ވިދާޅުވެއްޖެ

ރާއްޖޭގެ ދެކުނު ކަނޑުން ގެއްލުވާލާފައިވާ ބައި މަސްވެރިންނަށް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ހިންގާ ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭކަމަށާއި، ކަނޑުގެ ސަރަޙައްދު އެންމެ އެކަށީގެންވާގޮތެއްގައި ނުބެލެއްހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކަނޑުން އެހެން ޤައުމުތަކުގެ މަސްބޯޓުތައް ވަދެ ދާ ޖަހައިގެން މަސްހިފުން އާންމު ވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި މަސްވެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާ، އޭގެ ސަބަބުން މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި، ކުރީ ސަރުކާރުން ރާއްޖޭގެ އުތުރުގެ ކަނޑުން ގެއްލުވާލާފައިވާ ބައި މަސްވެރިންނަށް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް ކަމަށާއި، މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފައެއް ނެތް ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަންކުރުމަށް އެހެން ޤައުމުތަކުގެ މީހުން ބޭނުން ކުރަމުންދާ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ހުރީ އެމް.އެން.ޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުމަށް ކަމަށާއި، އަދި ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދުވެސް މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް، ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު