މިދިޔަ އަހަރު ޕީއެސްއައިޕީއަށް ކުރި ޚަރަދު 12.1 ބިލިއަން ރުފިޔާ، ބަޖެޓުކުރި ޢަދަދަށްވުރެ 17.4 އިންސައްތަ އިތުރު

މިދިޔަ އަހަރުތެރޭ ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 12.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ކަމަށް މާލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިއީ މިދިޔަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުން ޚަރަދުވާނެ ކަމަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ޢަދަދު ކަމުގައިވާ 10.3 ބިލިއަން ރުފިޔާއަށްވުރެ، 17.4 އިންސައްތަ އިތުރު ޢަދަދެކެވެ.

މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 12.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. 2022ވަނަ އަހަރު ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ.

ޕީ.އެސް.އައި.ޕީގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަތުރުފަތުރާއި، މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ.

ޕީއެސްއައިޕީން ކުރި ބޮޑެތި ޚަރަދުތަކު ތެރޭގައި، ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ކުރި 2.1 ބިލިއަން ރުފިޔާއާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ކުރި 1.6 ބިލިއަން ރުފިޔާއާއި، ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް ކުރި 1.5 ބިލިއަން ރުފިޔާ އާއި، މަގު ހެދުމުގެ މަޝްރޫޢުތަކަށް ކުރި 1.4 ބިލިއަން ރުފިޔާއާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ކުރި 1.1 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށްވަނީ 8.9 ބިލިއަން ރުފިޔާ ހިމަނާފައެވެ. އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. ހަމައެހެންމެ، ބްރިޖް އެޅުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ބަނދަރުތައް ތަރައްޤީކުރުން ހިމެނެއެވެ. އެގޮތުން ބަޖެޓުގައި މި މަޝްރޫޢުތަކަށް 3.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު