މެޑިކަލް އިވެކުއޭޝަނެއްގައި ރައީސުލްޖުމްހޫރިއްޔާއަށް އެކަން އަންގައި، ބަހެއް ހޯދުން ނޯވޭ: ޣައްސާން

ބޭސްފަރުވާގެ ބޭނުމަށް އަތޮޅުތެރެއިން، މީހުން މާލެ ގައުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަންގައި ހޯދަން ޖެހޭ ހުއްދައެއް ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޑޯނިއާގެ މަތިންދާބޯޓު ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ބުނެ ގއ. ވިލިނިގިލީ ހޮސްޕިޓަލް ސަރަހައްދަށް ރައްޔިތުން އެއްވެ އިހުތިޖާޖުކޮށްފައިވާއިރު، އެރަށުން ހާލުދެރަވި ކުއްޖާ ފަހުން މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ 11:30 ވަނީ ނިޔާވެފައެވެ. މިއީ ސަރުކާރުގެ އިހުމާލުކަމަށާއި، ޑޯނިއާ ބޭނުން ނުކުރަން ސަރުކާރުން އެންގީކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން ވާހަކަތައް ދައްކަމުން ގޮސްފައިވެއެވެ.

މިކަމާ ގުޅިގެން ޣައްސާން ވިދާޅުވީ ބޭސްފަރުވާއަށް މީހުން ގެނައުމުގައި އަމަލު ކުރަން ޖެހޭ ގޮތް ލިޔެވިފައިވާކަމަށާއި އެ އެސްއޯޕީތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ނަގަން ނުވަތަ އަންގަން ވެސް ނުޖެހޭ ކަމަށެވެ. އެކަމުގައި ކުރިޔަށް ދާން ޖެހޭނީ، ކަމާއި ގުޅޭ އިދާރާތްތައް ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން، ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންތަކުގެ 93 އިންސައްތަ ކުރީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވިއިރު، އިންޑިއާއިން ވަނީ ސިފައިން ފޮނުވާލި ނަމަވެސް މެޑިކަލް އިވެކުއޭޝަންތައް ހުއްޓާނުލައި ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމުގެ މަޝްވަރާއަށް އެދިފައެވެ. އެކަމަކު މިހާތަނަށް ދިވެހި ސަރުކާރުން އެކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

މިދިޔަ ދެ މަހެއްގެ ތެރޭގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި ސަބަބުތަކުގެ ތެރޭގައި އިންޑިއާގެ ޑޯނިއާ ބޭނުން ނުކުރުން ހިމެނެއެވެ. އެގޮތުން އައްޑޫގައި މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދުމުގައި ވެސް އިހުމާލުވިކަމުގެ ތުހުމަތުކޮށް ފާޑުކިއުން އަމާޒުވިއިރު އިއްޔެ ފެންމަތިވީ ގއ. ވިލިނގިލި ހޮސްޕިޓަލުގައި ކުޑަކުއްޖެއް ހާލު ދެރަވެ އިމަޖެންސީގައި މާލެ ނުގެނެވުނު މައްސަލައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު