އިމަރޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިއުލްއިން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ގއ.ވިލިނގިލި ހޮސްޕިޓަލްގައި އޮތް ކުއްޖަކު ހާލު ގޯސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ މާލެ ގެނައުން ލަސްވުމުން ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ވަޒީރު ވިދާޅުވީ މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން އިމަރޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލްއިން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް ބަދަލުގެންނަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސްއެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން. މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެ!
މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް…
— Mohamed Ameen (@ameen3d) January 20, 2024
ވަޒީރު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރެއްވުންކަމަށެވެ. އެގޮތުން މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބަލިމީހުން ގޮވައިގެން ދަތުރުކުރުމަށް ތަޢާރަފްކުރެވޭ އެއަރ އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާއި ހަމައަށް ފުޅާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.