Wednesday, 19 June 2024

ފަތުރުވެރިކަން ފުޅާކުރަން ފުވައްމުލަކު އެއަރޕޯޓް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރަނީ

ފުވައްމުލަކު ސިޓީ އެއަރޕޯޓް ބޮޑުކޮށް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެކަމަށްޓަކައި ބޭނުންވާ އިނީޝިއަލް ސަރވޭގެ މަސައްކަތްކުރާނެ ބަޔަކަށް ހޯދުމަށް ވަރަށް އަވަހަށް އިޢުލާންކުރެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކޮށް، އެކަމުގެ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާތައް ކޮށްފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން "ޕީ.އެސް.އެމް ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، ފުވައްމުލަކަކީ ގުދުރަތީގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސިޓީއަކަށްވެފައި، އެއަރޕޯޓުގެ ރަންވޭ މިހާރު އޮތްގޮތުން ފަޅު ހިއްކައިގެން ރަންވޭ އިތުރަށް ދިގުކުރެވެން ނެތްކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށްގެންކަމަށްވާތީ، އެކަމަށް ހުރި އޮޕްޝަންތަކާގުޅޭ ކައުންސިލާއެކު މަޝްވަރާކުރެއްވިކަމަށް މުބީން ވިދާޅުވިއެވެ.

"ކައުންސިލާއި އަޅުގަނޑުމެން ހިއްސާކުރިން ރަންވޭގެ އޮރިއެންޓޭޝަން ޗޭންޖްވާއިރު އެ ސަރަޙައްދު ބަދަލުވެގެން އަންނާނެގޮތް. ބައެއް ގެތައްވެސް ނަގަންޖެހޭ. ފުވައްމުލަކަކީ ފަޅު ހިއްކައިގެން އިތުރަށް ރަންވޭ މިހާރު އޮތް އޮރިއެންޓޭޝަނުގައި ދިގުކުރެވޭކަށް އޮތްތަނެއްނޫން. އެހެންވީމަ އެ މަޝްވަރާތައް އަޅުގަނޑުމެންނަށް މިކުރެވުނީ ފުވައްމުލައް ސިޓީ ކައުންސިލާއެކު" މުބީން ވިދާޅުވިއެވެ.

ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ފެސިލިޓީތައްވެސް ހިމެނޭހެން މުޅި އެއަރޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށާއި، އަދި އެއަރޕޯޓާއި އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެކަމަށާއި، އެކަމަށްހުރި ފުރުޞަތުތަކާގުޅޭގޮތުންވެސް ކައުންސިލާއެކު މަޝްވަރާކުރައްވާފައިވާކަމަށް މުބީން ވިދާޅުވިއެވެ.

2011 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ފުވައްމުލަކު އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގެ ޖާގަ 1600 ނުވަތަ 1800 މީޓަށް ބޮޑުކޮށް ޖެޓް ޖެއްސޭވަރަށް ތަރައްޤީކުރެވިގެންދާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ހާމަކުރައްވައެވެ. ހަމައެހެންމެ، ޖެޓް ޕާކިންއަށް ޚާއްސަކޮށްގެން އޭޕްރެން ޖާގައިތުރު ކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.

ފުވައްމުލަކު އެއަރޕޯޓު ރަންވޭ ދިގުކޮށް، ޖެޓް ޖެއްސޭ ފެންވަރަށް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު