މާލޭ ރައްޔިތުންނަށް ގޯތިދޫކުރުމުގެ ކަންކަން އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.
މާލޭ ރައްޔިތުން ހިންގާ ތިން ޖަމިއްޔާއެއް ގުޅިގެން، ސަލްޓަން ޕާކްގައި މިރޭ ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެން، ރައީސުލުޖޫމްހޫރިއްޔާގެ ޚާއްސަ މެސެޖު ދެއްވަމުން ފިރުޒުލް ވިދާޅުވީ ކުރީ ސަރުކާރުން ފަށްޓަވާފައިވާ ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
"ހުރިހާ ދިމާތަކެއް ހިއްކާ ރަޖިސްޓްރީ ހަވާލުކޮށްދީ ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަުގެ ޔަޤީންކަން ރައީސް ދެއްވާ. ގުޅީފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގެ ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވިފައި ވަނީ. ގިރާވަރުފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގައި ބޭއްވި އިންވެސްޓް ފޯރަމްގައި ޕްރޮޕޯސަލްތައް ހުށައަޅާ ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. މަޝްވަރާތައް ކުރިއަށް އެބަދޭ." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، މި ހަތަރު މަސައްކަތްވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާކަމަށާއި، އަދި ބިންތައް ހިކެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަމުން ގެންދާނެ ކަމަށާއި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދިނުމަށް މަސައްކަތް ކުރައްވާކަމަށެވެ.
ގިރާވަރުފަޅުން ގާތްގަނޑަކަށް 50 ނުވަތަ 54 ހެކްޓަރު ހިއްކާ ނިންމާފައިވާކަން ފާހަގަކުރައްވަމުން، ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށާއި ހުޅުމާލެ ފަޅު ހިއްކުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށްވުރެ ބޮޑުކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ އޮކްޓޫބަރުމަހުގެ ނިޔަލަށް މިހާރު ހިއްކަމުން އަންނަ ތަންތަން ހިއްކާ ނިންމާލުމަކީ ސަރުކާރުގެ އަމާޒެއްކ ކަމަށާއި، އެތަންތަނުގައި ގެދޮރު އިމާރާތް ކުރުމަށް %5އަށްވުރެ ބޮޑުނުވާ އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ހަފްތާ 14ގައި ކަނޑައަޅާފައި އޮތްގޮތަށް ކުރިއަށް ދާނެކަމަށެވެ. އަދި ހަފްތާ 14 ނިމުމުގެ ކުރިން ލޯނު ދޫކުރާ އަދަދުތައް އިޢުލާން ކުރައްވާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. މީގެ އިތުރަށް މިހާރު ކުރިއަށްދާ ވިލިމާލެ ބްރިޖް މަޝްރޫޢުގެ ދަށުން ގުޅިފަޅާއި ގިރާވަރު ފަޅު ގުޅާލާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.