ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް ވުރެ ފުރިހަމަކޮށް، ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ހިންގާ ހާއްސަ ޕްރޮޖެކްޓެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. މިޔުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެ ފެންއަރުވާ ވަޑާން ބަލައިލުމަށް ކުރިން ގިނަ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭރު ކުޑަކުދިންގެ މެދުގައި ވެސް އެއީ ވަރަށް މަޤްބޫލު ތަނަކަށްވިއެވެ.
އެމްޑީޕީ ވެރިކަމާ ޙަވާލުވި ފަހުން، އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަން އެއްކޮށް ހެން ވީރާނާވިއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭރުގައި މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން އެ ތަން މަރާމާތު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވިއެވެ.