ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ޙަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ކުރި ޖޫރިމަނާގެ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅުމުން މައްސަލަ ބޭރުކޮށްލައިފިއެވެ.
ވަގުތީ އަމުރަކަށް އެދި ޒަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއިރު މައުޟޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ ގޮތުން އަމުރެއް ނެރެދިނުމަށް އެދި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިދެ އެވެ.
ޒަމީލާއި އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސި އަހުމަދު މަހްރާން ޒަމީލްގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހެޅުމުން ހުކުމްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަހްރާނަކީ ޒަމީލްގެ ފިރިހެން ދަރިފުޅެވެ. އަދި އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރީ އަނބިކަބަލުން މަރިޔަމް އަލީމެވެ.
މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލަ ހުށަހެޅުމަކާއި ނުލައި ހުށަހަޅާ ވަގުތީ އަމުރުގެ މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޒަމީލަށް ލިބިވަޑައިގަތީ، 327 ވޯޓެވެ.
ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މާލީ ބަޔާނުގައި އިންތިހާބާއި ގުޅިގެން ކެންޑިޑޭޓު ކުރި ހަރަދުތަކުގެ ތަފްސީލާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްސީލު އަދި ބެންކް އެކައުންޓު މެދުވެރިކޮށް ހެދި ޓްރާންސެކްޝަންތަކުގެ ތަފްސީލު އެނގޭނެ ސްޓޭޓްމަންޓުތައް ހިމަނަން ޖެހޭނެ އެވެ.
މި ބަޔާނުގައި ކެމްޕެއިނަށް ހަރަދު ކުރި މީހުންނަކީ ކޮބައިކަމާއި، އެބަޔަކު ދިން ފައިސާގެ ތަފްސީލުތައް ވެސް ހިމަނަން ޖެހެއެވެ.
ކޮމިޝަނުން ޖުރިމަނާ ކުރި ކެންޑިޑޭޓުންނަކީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫނާއި އުމަރު ނަސީރުގެ އިތުރުން ދެން ޒަމީލެވެ.
އެގޮތުން ކޮމިޝަނުން ވަނީ ކޮންމެ ކެންޑިޑޭޓަކު ވެސް 20،000 ރުފިޔާއިން ޖުރިމަނާކޮށް، އަދި އެ ކެންޑިޑޭޓުންގެ އެޖެންޑު 6،000 ރުފިޔާއިން ޖުރިމަނާކޮށްފައެވެ. އީސީން އެންގީ ޖުރިމަނާ ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމަކު ޖުރިމަނާގެ މައްސަލަ ޒަމީލްގެ ފަރާތުން ކޯޓަށް ހުށަހެޅީ އެވެ.