ސަރުކާރާ އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަރުކާރާ ދެކޮޅަށް ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ސިޔާސީ ހަރަކާތްތަކުގައި ޔާމީން އުޅުއްވުން މަނާކޮށްފައި ވަނިކޮށް އެމަނިކުފާނު ރޭ ވެސް ވަނީ ޕީއެންއެފް އޮފީހަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޔާމީން ވަނީ ޕޯޑިއަމަށް އަރައިވަޑައިގެން ވާހަކަ ދަައްކަވަމުން ގެންދެވި ބައެއް ބޭފުޅުންނާ ސުވާލުތަކެއް ކުރައްވައިފައެވެ.
ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ އިސް ވަކީލް މުހައްމަދު ޖަމީލް އަޙްމަދު ވާހަކަ ދައްކަވަނިކޮށް، ރައީސް ޔާމީން ކުރެއްވި އެއް ސުވާލަކީ، އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމުގެ މައްސަލައިގައި އިންޑިއާ އާއި ރާއްޖެ އިން ދައްކާ ވާހަކަތައް ދިމާ ނުވަނީ ކީއްވެތޯއެވެ؟ އެސުވާލަށް ޖަމީލް ޖަވާބު ދެއްވުމުން ރައީސް ޔާމީން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.
ޔާމީން ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ޔާމީން ގެއަށް ބަދަލުކޮށް ދިން ލުއިތައް ރިވިއު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ވިދާޅުވެފައެވެ. ޔާމީނަށް ދިން ލުއިތަކުގެ ތެރޭގައި ކަސްރަތު ކުރެއްވުމަށް ބޭރަށް ނުކުންނެވުމާއި ބޭސްފަރުވާ ކުރަން ބޭރަށް ނުކުންނެވުމުގެ އިތުރުން މުހިންމު މީހުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ހިމެނެއެވެ.
ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.