Thursday, 25 July 2024

ކުއްޖާ ނުގެނެވި ލަސްވި ކަމަށް ބުނެ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަނީ

ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު މާލެ ނުގެނެވި ލަސްވި މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމަވާފައިވާއިރު، ކުޑަކުއްޖަކު ފަރުވާއަށް މާލެއަށް ގެނައުމުގައި ލަސްވެ އެ ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ކަން ހިނގީ ކިހިނެތްތޯ ދެނެގަތުމަކީ މަޖިލީހުގެ ވާޖިބެއް ކަމަށެވެ. އެގޮތުން، ފުރާނައަށް ގެއްލުންވާ ޒާތުގެ އެއްވެސް ކަމެއް ވަކި ސިޔާސަތަކާހެދި ތަންފީޒު ނުކުރެވޭނަމަ މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މައްސަލަ ބަލަން ޖެހޭކަމުގައި ޖީހާން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީން ނިންމީ އެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައިވާއިރު، މެޑިކަލް އިމަޖެންސީ އިވެކުއޭޝަންތަކުގައި އަމަލު ކުރާނެ ނިޒާމެއް ކަނޑައެޅިފައިވޭތޯ ދެނެގަންނާނެ ކަމަށާއި، ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުމަކީ މި ސަރުކާރުގެ އުޞޫލުތަކުގެ ތެރޭގައި އޮތްކަމެއްތޯ ބަލާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ޑޯނިއާ ބޭނުން ނުކުރާނަމަ އޭގެ ބަދަލުގައި ދޭ ޚިދުމަތަކީ ކޮބައިތޯ ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވެސް ޖީހާން ވިދާޅުވީ، މެޑިކަލް އިމަޖެންސީ އިވެކުއޭޝަންތަކާ ގުޅިގެން އެސްއޯޕީތަކެއް ހެދިފައިވޭތޯއާއި ކުއްޖާ މާލެ ގެނައުމުގައި އެ އެސްއޯޕީތަކަށް އަމަލު ކުރެވިފައިވޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.

ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވާން މެދުވެރިވީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓް ނުކުރެވުމުގެ ސަބަބުން ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު