ގއ. ވިލިގިލީ އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހް ޚާލިދުގެ ބަލިހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށް ޑިމޮކްރެޓްސްއިން ގޮވާލައްވައިފިއެެވެ.
ޑިމޮކްރެޓްސްއިން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، ގއ. ވިލިގިލީ އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހް ޚާލިދުގެ ބަލިހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާއާއެކު ވާކަަމަށެވެ.
އަވަހަށް ފަރުވާލިބެންޖެހޭ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން އެކަމުގައި އިހުމާލުވާކަން އެނގޭ ކަމަށް އެ ޕާޓީން ނެރުއްވި ބަޔާނުގައިވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތުމާއެކު، ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އިނގޭއިރު، ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށްވެސް އެ ބަޔާނުގައި ހިމަނުއްވާފައިވެއެވެ.
"އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އިނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަމެވެ. އަދި މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އިނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މި ޕާޓީން ގޮވާލަމެވެ." އެ ޕޓީން ނެރުއްވި ބަޔާނުގައި ވެއެވެ.
އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް އެ ޕާޓީން ގޮވާލެއްވިއެވެ.