އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ރަޖިސްޓްރާރ އަދި ދާއިރާގެ ޕީޕީއެމްގެ ރައީސް އަޙްމަދު ހަމްދާނަކީ އެތައް ބަޔަކު ދަންނަ, ދެކެފަރިތަ މޫނެކެވެ. ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ދެގޮތެއް ނުވެ، އިޚްލާސްތެރިކަމާއެކު ސާބިތުވެ ހުރި، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ނޫކަށިފުރައިގެ ޒުވާން ލޭ ހިނގާ ސިޔާސީ ތަޖުރިބާކާރެކެވެ. ތެދުވެރިކަމާއި އަމާނަތްތެރިކަމަކީ ސިޔާސީ މައިދާނުގައި، ރައްޔިތުންގެ އިތުބާރާއި ތާޢީދު އޭނާ ހޯދި އެންމެ މައިގަނޑު ސަބަބެވެ. ދެގޮތެއް ނުވެ، މިސްރާބަށް ނައިސް، ސާފުސީދާ ގޮތުގައި ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށްޓަކައި ޙަމްދާންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ލާމަސީލު ނަމޫނާއެކެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހޮޅުދޫ ދާއިރާއަށް ހަމްދާން އިންތިޚާބުކުރުމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ހަމްދާނަށް ތާޢީދު ހޯދުމުގައި ދާއިރާގެ ގިނަ ރައްޔިތުން ބައިވެރިވަނީ ހަމްދާންގެ ފަރާތުން ފެނިގެން ގޮސްފައިވާ ހިންގުންތެރިކަމާއި، މުރާލިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުންނެވެ.
ހަމްދާނަށް ތާއީދު ކުރެއްވި އިސް ބޭފުޅުންގެ ތެރޭގައި، ހޮޅުދޫ ކައުންސިލްގެ ރައީސް، ކުރީގެ އަތޮޅު ކައުންސިލް މެންބަރު އަދި މިހާރުގެ ހޮޅުދޫ ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން ދެ ކައުންސިލް މެންބަރަކުވެސް ހިމެނެއެވެ. ހަމްދާނަށް ތާއީދު ކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި ހޮޅުދޫ ކައުންސިލްގެ ކުރީގެ ދެ ރައީސުންނާއި، ކުރީގެ ފަސް ކައުންސިލަރަކުވެސް ހިމެނެއެވެ. މީގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ދެ މެންބަރުންވެސް ވަނީ ހަމްދާނަށް މަސައްކަތް ކޮށްދެއްވުމަށް ނިންމަވާފައެވެ. ހަމައެހެންމެ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ދަނީ ހަމްދާނަށް ތާޢީދުކުރަމުންނެވެ.
ހަމްދާންއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ދާއިރާއާއި ރަށު ފެންވަރުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރި ހީވާގި ޒުވާނެކެވެ. ދާއިރާގެ ރައްޔިތުން ސިފަކުރާ ގޮތުގައި، ހަމްދަންއަކީ މަސައްކަތަށް ހީވާގި، އަމާނާތްތެރި، އަދި ދާއިރާގެ ރައްޔިތުންގެ ރޫޙުގައި މަސައްކަތް ކުރާ ޤާބިލު ޒުވާނެކެވެ. ހަމްދާން ވަރުގެ އެހެން ކެންޑިޑޭޓަކުގެ ނެތް ކަމަށްވެސް އެ ރައްޔިތުން ދެކެއެވެ.
ގިނަ ބައެއްގެ ތާޢީދާއި އިޙްތިރާމް ހަމްދާނަށް ލިބެމުން ދާއިރު، އޭނާ އަކީ އިދާރީ ހިންގުމުގެ އަމަލީ ތަމްރީނާއި ތަޖުިީބާ ލިބިފައިވާ ހިންގުންތެރިއެކެވެ. އޭނާ ވަނީ ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަޤާމު ދެ ދައުރު އަދާކޮށްފައެވެ.
ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައި ދެވޭނީ، ހުނަރާއި ޢިލްމާއި ޙިލްމު ހުރި ދާއިރާގެ ދަރިއަކަށެވެ. ދާއިރާއަށް ފަރިތަ ވާހަކަ ދެކެވޭނެ މޫނަކަށެވެ. ހޮޅުދޫ ދާއިރާއަށް ޒަމާނީ ބަދަލެއް ގެނައުމަށް ކަމަރު ބަނދެގެން ހުރި އެކަކީ ހަމްދާން އެވެ.
ޕީޕީއެމް ޕީއެންސީ އިދިކޮޅު ކޯލިޝަންގެ ގޮތުގައި އޮތްއިރު، ހަމްދާން ވަނީ ސާބިތު ކަން ދައްކާފައެވެ. ކެރުމާއި ހިތްވަރު ދައްކާފައެވެ. ގަދަ ކަނޑުތަކުގައި ދަތުރުކޮށްފައެވެ. ހަމްދާންގެ މިހާރުގެ މިސްރާބަކީ, ހޮޅުދޫ ދާއިރާގެ ތިން ރަށްކަމަށްވާ މިލަދޫ، މަގޫދޫ، ހޮޅުދޫގެ ތަނަވަސްކޮށްދީ އުޖާލާކޮށްދިނުމެވެ. ސަރުކާރާ ގުޅިގެން ތަރައްޤީއާއި ކުރިއެރުން ހޯދައި ދިނުމެވެ.
ދާއިރާގެ ރައްޔިތުން ބޭނުންވަނީ އިޚްލާޞްތެރިއެކެވެ. ތެދުވެރިއެކެވެ. ހަމްދާންއަކީ މި ޝަރުޠުތައް ފުރިހަމަވާ ކެންޑިޑޭޓް ކަމާމެދު ޝައްކެތް ނެތެވެ.