Thursday, 12 September 2024

ޒަމާންތަކަކަށްފަހު، އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމްގެ އާބާތުރަ ފިލުވައި، ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތައް މިނިސްޓަރު ޢަބްދުﷲ ރާފިޢު ފައްޓަވައިދެއްވައިފި އެވެ. އައްޑޫ ސިޓީ އަށް މިހާރު މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަރާމާތުގެ މަސަައްކަތް ފައްޓަވައިދެއްވުމަށްފަހު، މިނިސްޓަރ ވަނީ ދަނޑުގެ ރޮސްޓްރަމްގެ ޚާލަތު ބައްލަވާލައްވާފައެވެ.

މިނިސްޓަރގެ  އަރިހުގައި މި ދަތުރުގައި ސްޓޭޓް މިނިސްޓަރުން ކަމަށްވާ އިބްރާހީމް ޢާމިރު އަދި މުޙައްމަދު ރިޔާޟް ގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ އާމިނަތު ޝަޖަން ބައިވެރިވެވަޑައިގެންނެވިއެވެ. ޒޯން ސްޓޭޑިއަމްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެ ސްޓޭޑިއަމްގެ ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ހައްލަކުރުމާއި، ކުލަލުމުގެ އިތުރުން އިމާރާތުގެ އެތެރެއަށް ފެން ލީކުވާ މައްސަލަ ހައްލަކުރުމާއި ފެން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ ސީލިންގތައް މަރާމާތު ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި، ސަމާލުކަން ނުދެވި، ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ، ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް ކުޅޭވޭ ފެންވަރަށް އަނބުރާ ގެނެވޭނެއެވެ.

ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަނަށް ބޭނުންވާ މަރާމާތުތައް ކުރުމަށް އުސޫލުތަކެއް ކަނޑައަޅައި އެކަން ހަރުދަނާ ގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެ އެވެ. އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓް އާއެވެ. ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރީ 1،450،000.00 (އެއް މިލިއަން ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) އަށް 30 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު