މަޑުއްވަރީ ދާއިރާއަށް އުޖާލާ ފަހި ދިރިއުޅުމެއް؛ އަޙްމަދު ޒާހިރަށް އެތައް ބައެއްގެ ތާޢީދު އޮހެނީ

އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ރ. މީދޫ އަޙްމަދު ޒާހިރަކީ އެތައް ބަޔަކު ދަންނަ، ދެކެފަރިތަ މޫނެކެވެ. ޤާބިލު ޒުވާނެކެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައި، އައްމަޑޭ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ރަށުގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައެވެ. އައްމަޑޭގެ މުރާލިކަމާއި ޢިލްމާއި ޙިލުމުގެ ޤާބިލުކަމުގެ ސަބަބުން އައްމަޑޭ ވަނީ ވިޔަފާރީގެ މައިދާނުގައިވެސް ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ "ލިޓަސް"ގެ ޖެނަރަލް މެނޭޖަރެއްގެ ގޮތުގައި ހުންނަވައިގެން، އެ ވިޔާފާރިއަށް އެތަކެއް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވުމުގައި އޭނާގެ ދައުރު އެހާމެ ބޮޑެވެ. ވިޔަފާރީގެ ޒަމާނީ އުކުޅުތައް ބޭނުންކުރައްވައި އެ ކުންފުނި އުހަށް އުފުލުމުގައި އޭނާ ވަނީ 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.

އިޚްލާސްތެރިކަމާއެކު ސާބިތުވެ ހުރެ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ނޫކަށިފުރައިގެ ޒުވާން ލޭ ހިނގާ ސިޔާސީ ތަޖުރިބާކާރެއް ކަމުގައި އޭނާ ވެފައިވަނީ، ޙިކުމަތްތެރިކަމުގެ ނަމޫނާ ދައްކަވަމުންނެވެ. ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތްކުރައްވައި، ސިޔާސީ މައިދާނުގައި، ރައްޔިތުންގެ އިތުބާރާއި ތާޢީދު ހޯއްދެވީ އޭނާގެ މަޑުމައިތިރި ފުރިހަމަ އުސޫލުތަކުގެ ސަބަބުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާއަށް އައްމަޑޭ އިންތިޚާބުކުރުމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އައްމަޑޭއަށް ތާޢީދު ހޯދުމުގައި ދާއިރާގެ ގިނަ ރައްޔިތުން ބައިވެރިވަނީ އައްމަޑޭގެ ފަރާތުން ފެނިގެން ގޮސްފައިވާ ހިންގުންތެރިކަމާއި، މުރާލިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުންނެވެ. އައްމަޑޭއަށް ތާޢީދުކުރާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޕީޕީއެމް ޕީއެންސީގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުން، ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުންވެސް ދަނީ އޭނާއަށް ތާޢީދުކުރާކަން ހާމަކުރަމުންނެވެ. ހަމައެހެންމެ، ދާއިރާގެ ހަރު މީހުންނާއި ކަމުވޮށިވެގެންވާ މީހުންނާއި އިސްރަށްވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ދަނީ އޭނާއަށް ތާޢީދުކުރަމުންނެވެ.

އައްމަޑޭއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ޢަމަލީ ގޮތުން އިސް ސަފުގައި ހަރަކާތްތެރިވެލެއްވި، އަދި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރެއްވި ހީވާގި ޒުވާނެކެވެ. ދާއިރާގެ ރައްޔިތުން ސިފަކުރާ ގޮތުގައި، އައްމާޑޭއަކީ މުރާލިކަމާއެކު މަސައްކަތްކުރައްވާނެ، ދާއިރާގެ ރައްޔިތުންގެ ރޫޙުގައި މަސައްކަތް ކުރާނެ ޤާބިލު ޒުވާނެކެވެ. އައްމަޑޭ ވަރުގެ އެހެން ކެންޑިޑޭޓަކު ނެތް ކަމަށްވެސް ދާއިރާގެ ގިނަ ރައްޔިތުން ދެކެއެވެ. ގިނަ ބައެއްގެ ތާޢީދާއި އިޙްތިރާމް އޭނާއަށް ލިބެމުން ދާއިރު، އޭނާ އަކީ ކަންކަން މެނޭޖުކުރުމާއި ހިންގުމުގެ އަމަލީ ތަމްރީނާއި ތަޖުރިބާ ލިބިލައްވާފައިވާ ހިންގުންތެރިއެކެވެ.

ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައި ދެވޭނީ، ހުނަރާއި ޢިލްމާއި ޙިލްމު ހުރި ދާއިރާގެ ދަރިއަކަށެވެ. ދާއިރާގެ ރައްޔިތުން ދަންނަ ފަރިތަ ވާހަކަ ދެކެވޭނެ މޫނަކަށެވެ. ގުޅުން އޮންނާނެ އެކުވެރިއަކަށެވެ. މަޑުއްވަރީ ދާއިރާގެ ރައްޔިތުން އެދޭފަދަ ޒަމާނީ ބަދަލެއް ގެނައުމަށް ކަމަރު ބަނދެގެން ހުރި އެކަކީ އައްމަޑޭ އެވެ. މާޒީގައި އޭނާ ވަނީ ކެރުމާއި ހިތްވަރު ދައްކާފައެވެ. ގަދަ ކަނޑުތަކުގައި ދަތުރުކޮށްފައެވެ. ނަތީޖާ ނެރެފައެވެ.

އައްމަޑޭގެ އަމާޒަކީ, މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށް އުޖާލާ ފަހި ދިރިއުޅުމެއް ހޯދައި ދިނުމެވެ. ސަރުކާރާ ގުޅިގެން ޙަޤީޤީ މާނައިގައި ތަރައްޤީއާއި ކުރިއެރުން ހޯދައި ދިނުމެވެ. ދާއިރާގެ ރައްޔިތުން ބޭނުންވަނީ ދާއިރާއަށް މޮޅުގޮތް ހޯދައިދޭނެ ޤާބިލު ޒުވާނެކެވެ. ހިންގުންތެރިއެކެވެ. އައްމަޑޭއަކީ މި ޝަރުޠުތައް ފުރިހަމަވާ އެންމެ ޤާބިލު ކެންޑިޑޭޓް ކަމާމެދު ޝައްކެތް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *