އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަކުރުމަށާއި އެއްމެދު އިމާރާތްތައް މެނޭޖްކުރުމަށް ހާއްސަ “ސްޓްރާޓް ޕޯޓަލް” ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ ގޮތަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެއްމެދު އިމާރާތް ނުވަތަ “ސްޓްރާޓާ ސްކީމް” އަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތައް ހަދާފައިވުމާއެކު، އެ އިމާރާތް ނުވަތަ އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓްތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެތަންތަން ހިންގައި ބެލެހެއްޓުން ކަމަށެވެ.
އެއްމެދު އިމާރާތްތަކަކީ ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ އިމާރާތްތަކެވެ. އެއީ އެފަދަ އިމާރާތަކުން ޔުނިޓެއް މިލްކުކުރުމުން އެ ޔުނިޓާއި ގުޅިގެން ވަކި އުސޫލުތަކެއްގެ ދަށުން އިމާރާތް ނުވަތަ އިމާރާތްތައް ހިންގައި ބެލެހެއްޓުމުގެ ޒިންމާ ނުވަތަ ހިއްސާ ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީ ކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކުރުމާއި ގަނެވިއްކުމާއި އަދި ހިންގައި ބެލެހެއްޓުމާ ގުޅޭ ކަންކަން މަގުފަހިކުރުމަށް ފަރުމާކުރެވިފައިވެއެވެ.
“ސްޓްރާޓާ ޕޯޓަލް” އަކީ އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުމާއި އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ “މެނޭޖްމަންޓް ކޯޕަރޭޝަން” ތައް ރަޖިސްޓަރީކޮށް ސަރުކާރުން ރެގިއުލޭޓްކުރުމަށް މަގުފަހިވެގެން ދާނެ ޕޯޓަލްއެކެވެ.
ކުރިމަގުގައި މި ޕޯޓަލް ވެގެންދާނީ ސަރުކާރުގެ އިދާރާތަކާއި އަދި އެނޫންވެސް ގުޅުންހުރި ހުރިހާ އިދާރާތަކާއި ގުޅުވާލެވިގެން އަކަމާ ގުޅުން ހުރި ހުއްދަތައް ދޫކުރެވިގެންދާނެ ޕޯޓަލްއަކަށް ކަަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މުޅި ރާއްޖޭގެ އެއްމެދު އިމާރާތްތަކުގެ ހުރިހާ މައުލޫމާތެއް މި ޕޯޓަލްގައި ރެކޯޑް ކުރެވިގެން ދާނެ ކަމަށް ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.