އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި ސްކޫލެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޝިލް އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުންސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޝިލް އަލީ އަހްސަންއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރެވިގެންދާނެއެވެ. މި މިސްކިތް ތަރައްގީ ކުރެވިގެންދާނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ. އަދި މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެއެވެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ.