އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އެމަނިކުފާނުގެ ތަސައްވުރަކީ، ލޯތްބާއި އޯގާތެރިކަމާއި ހިތްފަސޭހަ ކަމާއެކު ދިރިއުޅެވޭނެ، ޤަދަރުވެރި މުޖުތަމައެއް؛ ފެހި ތަނަވަސް މާލެއެއް ބިނާކުރުމަށް، ދިވެހި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު، ގުޅިގެން މަސައްކަތްކުރުން ކަމަށާއި އެމަނިކުފާނު ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ މޭޔަރ ކަމުގެ ހުވާ ރޭ ކުރެއްވި އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި، މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި، އިޚްލާސްތެރިކަމާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން، މާލޭ ރައްޔިތުން، ދަފްތަރަށް ނިސްބަތްވާ ރައްޔިތުން، މާލޭގަ ދިރިއުޅުއްވާ ރައްޔިތުން އަދި މާލެއިން ތަފާތު އެކި ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.

"ދިވެހި ރައްޔިތުން އަޅުގަނޑަށް ދެއްވި ތާއީދާއި ކުރައްވާ އިތުބާރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ތަސައްވުރަކީ، ލޯތްބާއި އޯގާތެރިކަމާއި ހިތްފަސޭހަ ކަމާއެކު ދިރިއުޅެވޭނެ، ޤަދަރުވެރި މުޖުތަމައެއް؛ ފެހި ތަނަވަސް މާލެއެއް ބިނާކުރުމަށް، ދިވެހި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު، ގުޅިގެން މަސައްކަތްކުރުން. އަދި އެކަން ހާސިލްކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް. ކުރިއަށް އޮތީ ދިވެހި ރައްޔިތުންނަށް އުފާވެރި، ފާގަތި ދުވަސްތަކެއް. ޝުކުރިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން." އާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސާއި، މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު