ރައްޔިތުންގެ ގާތަށް، ރައީސް ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވަނީ

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން ގާތަށް ދިއުމަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަމެއްކަމަށާއި، ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށާއި ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅުތައް އެމަނިކުފާނަށް ވަގުތުވީވަރަކުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަތޮޅުތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވައިދިނުމަކީ މީގެ ތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއް މަހު ވަޒީރުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް މި މަސްތެރޭގައި މި އަންނަ ހަފުތާ ތެރޭގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ދޭ ފޯރަމުގައި ވަޒީރުންގެ ދާއިރާތަކުން ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި، މި ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ތިން މަހުން އެއް މަހު އެމަނިކުފާނު އަމިއްލަފުޅަށް ވެސް ރައްޔިތުންނަށް އެފަދަ ފުރުސަތެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފޯރަމުގައި ވެސް ރައްޔިތުން ކުރަން ބޭނުންވާ ސުވާލެއް އެ މަނިކުފާނާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ފުރަތަމަ ފޯރަމް އަންނަ މަހު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ތާޢީދާއެކު އެކި މަގާމުތަކަށް އިންތިޚާބުވެގެންދަނީ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލޯތްބާއި ކުލުނާއެކު ޚިދުމަތް ކުރުމަށް ކަމަށެވެ. އެ ގޮތުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ސަރުކާރުންވެސް އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު