Wednesday, 19 June 2024

އަންނަ ހަފުތާ ތެރޭގައި ފޯރަމްތައް ފަށަނީ؛ ވަޒީރުންނާ ސީދާ ބައްދަލުކުރެވޭ!

ދެ މަހުން އެއް މަހު ވަޒީރުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭން ފޯރަމްތަކެއް ބާއްވަން ނިންމަވާފައިވާ ކަމަށާއި، އޭގެ ފުރަތަމަ ފޯރަމް މި މަސްތެރޭގައި މި އަންނަ ހަފުތާ ތެރޭގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުން ގާތަށް ދިއުމަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށާއި ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅުތައް އެމަނިކުފާނަށް ވަގުތުވީވަރަކުން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވައިދިނުމަކީ މީގެ ތެރޭގައި ހިމެނޭ އަނެއް ކަންތައް. ދެ މަހުން އެއް މަހު ވަޒީރުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ވާހަކަ އަޅުގަނޑު ދެންނެވިން. އޭގެ ފުރަތަމަ ފޯރަމް މި މަސްތެރޭގައި މި އަންނަ ހަފުތާ ތެރޭގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ދޭ ފޯރަމުގައި ވަޒީރުންގެ ދާއިރާތަކުން ރައްޔިތުން ބޭނުންވާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. މި ފޯރަމް ބާއްވާނީ ކޮންމެ ދެ މަހަކުން ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ތިން މަހުން އެއް މަހު އެމަނިކުފާނު އަމިއްލަފުޅަށް ވެސް ރައްޔިތުންނަށް އެފަދަ ފުރުސަތެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފޯރަމުގައި ވެސް ރައްޔިތުން ކުރަން ބޭނުންވާ ސުވާލެއް އެ މަނިކުފާނާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ފުރަތަމަ ފޯރަމް އަންނަ މަހު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުރަނީ ރައްޔިތުން ހަވާލު ކުރި މަސައްކަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ ކަމަށެވެ.

މިރޭގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން، މާލެސިޓީގެ ތަރައްޤީއަށް ހުރި މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރަސްމާލެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި، މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓްގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، އަދި މި ނޫންވެސް މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު