7 ފެބުރުވަރީ 2025

އެމްއެންޔޫގެ 3 ފެކަލްޓީއަކަށް ޑީންގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ 3 ފެކަލްޓީއަކަށް ޑީންގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ

ފެކަލްޓީތަކަށް ޑީނުން ޢައްޔަންކޮށްފައިވަނީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން މިއަދު ޑީނުން ޢައްޔަންކޮށްފައިވަނީ އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިންއާއި، ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓާލިޓީއާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަނަށެވެ.

އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިނަށް ޑރ. ޝީޒާ ޢަލީ

ޑރ. ޝީޒާއަކީ 1995 އިން ފެށިގެން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވާ ފުޅާކުރުމުގައި އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން އައި.ޖީ.އެމް.އެޗްއާއި ސިއްޙީ ވުޒާރާގައި ޑރ. ޝީޒާ ވަނީ މަސައްކަތް ކުރައްވާފައެވެ. ޑރ. ޝީޒާ ވަނީ ރާއްޖޭގައި އުފެއްދި ފުރަތަމަ މެޑިކަލް ސްކޫލްގެ ޕްރޮޖެކްޓް ޑިރެކްޓަރގެ މަޤާމު ފުރުއްވަމަށްފަހު، އެ ސްކޫލްގެ ޑީންކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓާލިޓީއަށް  ޒީނަތު ޞާލިޙް

ޑީންކަމަށް މިއަދު ޒީނަތު އައްޔަންވުމާއިއެކު، މިއީ މި ފެކަލްޓީގައި ޒީނަތުގެ ޑީންކަމުގެ ދެވަނަ ދައުރެވެ. ޤައުމީ ޔުނިވަރސިޓީއާއި ޒީނަތު ގުޅުނީ 1999 ވަނަ އަހަރުއެވެ. އޭގެފަހުން ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓަލިޓީގައި ޓްރެއިނީއެއްގެ މަޤާމާއި، އެ ފެކަލްޓީގެ އެސިސްޓަންޓް ލެކްޗަރަރކަމާއި، ލެކްޗަރަރކަމުގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަންއަށް ނާދިޔާ އަޙްމަދު

ނާދިޔާ އަޙްމަދަކީ ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤައުމީ ޔުނިވަރސިޓީއަށް ނާދިޔާ ވަނީ 26 އަހަރު ޚިދުމަތް ކުރައްވާފައެވެ. ނާދިޔާ ވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓަންޓް ލެކްޗަރަރކަމާއި، ލެކްޗަރަރކަން އަދާކުރައްވާފައެވެ. އަދި ނާދިޔާ ވަނީ އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު